މުއްދަތުގެ ހަމަވުމުގެ ކުރިން ކްލަބް ޖަމިއްޔާތައް ރަޖިސްްޓްރީ ކުރުން ލާޒިމް: ކޮމިޝަނަރު
މުއްދަތުގެ ހަމަވުމުގެ ކުރިން ކްލަބް ޖަމިއްޔާތައް ރަޖިސްްޓްރީ ކުރުން ލާޒިމް: ކޮމިޝަނަރު

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގައި ކުޅިވަރު ކްލަބް ޖަމިއްޔާތައް މުއްދަތު ހަމަވުމުގެ ކުރިން ރަަޖިސްޓްރީ ކުރުން ލާޒިމު ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުއްޖެ އެވެ.

ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކުޅިވަރު ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ވަނީ އިތުރު ކޮށްދީފަ އެވެ. އަންނަ އާދިއްތަ ދުވަހު މުއްދަތު ހަމަވާއިރު މިހާތަނަށް 17 ކްލަބް ޖަމިއްޔާ އިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑޭވް ވަނީ ވިދާޅުވެފަ އެވެ.

"ކުޅިވަރާ ބެހޭ ގާނޫނުގައި އެބަ ބުނޭ ރަޖިސްޓްރީ ކޮށްގެންނޭ ކުރިއަށްދެވޭނީ. ގާނޫނުގައި އެގޮތަށް ބުނެފައިވަނިކޮށް އަޅުގަނޑަށް އެހެން ގޮތަކަށް މިކަމެއް ނުކުރެވޭނެ. އެހެންވުމުުން އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މިއީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކުރުން. އެހެން ނޫނީ މުއްދަތު ހަމަވުމަށް ފަހު އެ ކްލަބްތަކުން މުބާރާތެއްގައި ބައިވެރިވެއްޖެނަމަ އެ ކުރެވެނީ ގާނޫނީ ގޮތުން ކުށެއް،" ޑޭވް ވިދާޅުވި އެވެ.

މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައިވަނީ މިހާތަނަށް ރަޖިސްޓްރީކުރި ކުޅިވަރު އެސޯސިއޭޝަންތަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. ރަޖިސްޓްރީކޮށް ސެޓްފިކެޓް ހަވާލުކުރި އެސޯސިއޭޝަންތަކަކީ ނެޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯޅަ އެސޯސިއޭޝަން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ބަށިބޯޅަ އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން، ސްވިމިން އެސޯސިއޭޝަން، އެތުލެޓިކްސް އެސޯސިއޭޝަން އަދި ހޭންޑްބޯލް އެސޯސިއޭޝަނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތައް، އެ ގާނޫނުގެ ބާރު ލިބިގެން އުފައްދާފައިވާ ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ ކޮމިޝަނުން ބަލަހައްޓަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް ގިނަ ކުޅިވަރު ކްލަބްތަކުން ރަޖިސްޓްރީ ނުކުރެ އެވެ. ކަނޑައެޅިފައިވާ މުއްދަތުގައި އެ ކްލަބްތަކުން ރަޖިސްޓްރީ ނުކޮށްފިނަމަ ރަޖިސްޓްރީ ކުރަން ޖެހޭނީ މުޅިން އަލަށެވެ.

އެގޮތުން ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅަން ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިންނެވެ. ފޯމު ހުށަހަޅަން ޖެހޭނީ ޔޫތު މިނިސްޓްރީ އަށެވެ.