ކިޑްނީ ބަދަލުކުރި ދެމަފިރިންގެ ހާލު ރަނގަޅު
ކިޑްނީ ބަދަލުކުރި ދެމަފިރިންގެ ހާލު ރަނގަޅު

އަނބިމީހާގެ ކިޑްނީ ފިރިމީހާ އަށް ހަދިޔާ ކުރުމަށް ށ. ފޯކައިދޫ ދެމަފިރިން އިންޑިއާގައި އިއްޔެ ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ފޯކައިދޫ މަސްވެރިއެއް ކަމަށްވާ އަބްދުﷲ ރިޒާ 36، ގެ ދެ ކިޑްނީ ފެއިލްވުމުން އޭނާ އަށް ކިޑްނީ ހަދިޔާ ކުރީ އަންހެނުން، އައިޝަތު މުނާ 32، އެވެ. ކިޑްނީ ބަދަލުކުރުމުގެ ފަސް ގަޑިއިރެއްހާއިރުގެ އޮޕަރޭޝަން އެ މީހުން އިއްޔެ ކުރީ އިންޑިއާގެ އެމްޔޫ ހޮސްޕިޓަލްގަ އެވެ.

އާއިލާ އިން ބުނީ ދެ މީހުން ވެސް މިހާރު ބާއްވާފައި އޮތީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި ވަރަށް އަވަހަށް އެތަނުން ދޫކޮށްލާނެ ކަމަށެވެ.

ދެ ދަރިން ބަލަމުން، ރަށުގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މުނާ، އޭނާގެ އެއް ކިޑްނީ ފިރިމީހާ އަށް ހަދިޔާ ކުރީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށާއި ދަރިންނަށްޓަކަ އެވެ. މި ދެމަފިރިންގެ މި ލޯތްބަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

"މުނާ ބޭނުމެއް ނުވޭ ދަރިން ދޫކޮށްލާފައި، ޑަޔަލިސިސް ހަދަމުން މިހެން މާލޭގައި އުޅޭކަށް. ރަށަށް ބަދަލުވެއްޖެ ނަމަ ޑަޔަލިސިސްއެއް ނުހެދޭނެ. އެހެންވެ، އެގޮތަށް ވިސްނާފައި އޭނާ ކިޑްނީ ހަދިޔާކުރަން ނިންމި ކަމަށް ވަނީ،" ރިޒާގެ އާއިލާ އިން ވާހަކަ ދެއްކި މުހައްމަދު އާފިރު ބުންޏެވެ.

ހަފުތާއަކު ތިން ފަހަރު ޑަޔަލިސިސް ހަދަން ޖެހުމުން، އަދާކުރާ ވަޒީފާ އާއި ދަރިން ދޫކޮށްލާފައި ރިޒާގެ ދެމަފިރިން ވިލިމާލޭގައި ދިރިއުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.