20 އޯގަސްޓް 2017 - 06:03

ޝްރީދޭވީގެ 54 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، މަޝްހޫރު ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާ ވަރަށް ފުރިހަމަ ޕާޓީއެއް ދިނެވެ. މި ޕާޓީގައި އެންމެ ފާހަގަކޮށްލެވޭ ކަމަކަށްވީ ބޮލީވުޑްގެ ކުރީގެ އަދި މިހާރުގެ މަޝްހޫރު ބަތަލާއިންތަކެއް އެކުގައި އެއް ތަނަކުން ފެނި ފޮޓޯނަގާނެ ފުރުސަތު ލިބުމެވެ.
މި ޕާޓީގައި ޝްރީދޭވީ ވަނީ ކުރިން އަދި މިހާރުވެސް ފިލްމު ކުޅޭ ހަ ބަތަލާއަކާ އެކު ތާރީޚީ ފޮޓޯއެއް ނަގައިފަ އެވެ. މި ބަތަލާއިންގެ ތެރޭގައި ރޭކާ، ޝަބާނާ އަޒްމީ، ޓިނާ މުނީމް (މިހާރު ޓިނާ އަމްބާނީ)، އައިޝްވަރިޔާ ރާއީ، ރާނީ މުކަރުޖީ އަދި ވިދްޔާ ބާލަން ހިމެނެ އެވެ.
މި ބަތަލާއިންނަކީ 70 ގެ އަހަރުތަކުން ފެށިގެން ބޮލީވުޑްގެ އެންމެ ރީތި އަދި އެންމެ މޮޅު ފިލްމުތައް ތަމްސީލުކޮށްފައިވާ ތަރިންނެވެ.
މި ތަރިންގެ ތެރޭގައި ހިންދީ ސިނަމާގައި ފާހަގަކޮށްލަން ޖެހޭ މޮޅު ފިލްމުތައް ކުޅެފައިވާ ބަތަލާއިންނާއި ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ފަސް ބަތަލާ އިން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ރޭކާގެ "އުމްރާއޯ ޖާން"، "މިސްޓަ އިންޑިއާ" އިން ޝްރީދޭވީ، "ކަރްޒް" ކުޅެގެން ޓިނާ މުނީމް، "ހަމް ދިލް ދޭ ޗުކޭ ސަނަމް" ކުޅެގެން އައިޝްވަރިޔާ އަދި "ބްލެކް" ކުޅެގެން ރާނީ މުކަރުޖީ އަދި "ދަ ޑާޓީ ޕިކްޗާޒް" އިން ވިދްޔާ ބާލަން ހިމެނެ އެވެ.
މި ފޮޓޯގައި މަނީޝް އާއި ކަރަން ޖޯހަރް ހިމެނުނު ނަމަވެސް އެ ދެ މީހުން ނެތް ނަމަ ފޮޓޯ މާ ފުރިހަމަ ވީސްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު 54 އަހަރު ފުރުނު ޝްރީދޭވީ ވަނީ އޭނާއަށް އުފަން ދުވަހުގެ މުނާސަބަތުގައި ވަރަށް ފުރިހަމަ ޕާޓީއެއް ދިން ކަމަށްޓަކައި މަނީޝް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފިލްމު އިންޑަސްޓްރީގައި ތިބި އޭނާގެ އެކުވެރިން މި ޕާޓީއަށް ގޮސް ތަހުނިޔާ ކިޔާފައި ވާތީ އެ އެންމެންނަށް ވެސް ޝްރީދޭވީ ވަނީ އިންސްޓަގްރާމް މެސެޖެއްގައި ޝުކުރު އަދާކޮށްފަ އެވެ.