ހިބަޅިދޫއާ ހަވާލުވި ކުންފުނީގައި އޮތް އައްލާމްގެ ހިއްސާ އަތުލަން އަމުރުކޮށްފި
ހިބަޅިދޫއާ ހަވާލުވި ކުންފުނީގައި އޮތް އައްލާމްގެ ހިއްސާ އަތުލަން އަމުރުކޮށްފި

ފުލުހުންނަށް ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ނަމުގައި ބިޒްނާސް މޯލްޑިވްސް ކިޔާ ކުންފުނީގައި އޮތް 35 ޕަސެންޓް ހިއްސާ އޭނާގެ ކިބައިން ނަގަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލުމާއި އޭނާގެ ހިއްސާ އޮތް ބިޒްނާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ބ. ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ހޯދަން އިއުލާންކޮށްފައިވާ އައްލާމްގެ ކިބައިން އެ ކުންފުނީގެ ހިއްސާ އަތުލަން ކޯޓުން އަމުރުކުރީ އެ ކުންފުނީގެ މެޖޯރިިޓީގެ ހިއްސާދާރު ކަމަށްވާ މ. ބޯއްޑޫ މުހައްމަދު ރިޔާޒު ދައުވާ ކުރުމުންނެވެ.

ރިޔާޒުގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނީގައި އޮތް އޭނާގެ 95 ޕަސެންޓުގެ ތެރެއިން 35 ޕަސެންޓް ހިއްސާ އައްލާމަށް ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދޭންޖެހޭ ތިން މިލިއަން ޑޮލަރުގެ ބަދަލުގައި ކަމަށެވެ.

އައްލާމްގެ ޣައިރު ހާޒިރުގައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ހިއްސާއަކީ ބަދަލެއް ނެތި ދީފައިވާ އެއްޗެއް ކަން އައްލާމަށް ސާބިިތުކޮށް ނުދެވޭ ކަމަށާއި އެހެންވެ އެ ހިއްސާ އޭނާއަށް ބަދަލުކުރަން ހިންގި މުއާމަލާތް ބާތިލް ކަމަށެވެ. އެހެންވެ 30 ދުވަހުގެ ތެރޭގައި އެ ހިއްސާ އައްލާމްގެ ކިބައިން ނެގުމަށް ފަހު ރިިޔާޒްގެ ނަމަށް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ކޯޓުން ވަނީ އަމުުރުކޮށްފަ އެވެ.

ކުރިން ލަވަކިޔުންތެެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އައްލާމް ހޯދަން އިންޓަޕޯލުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ އޮޑިިޓް ރިޕޯޓް ބުނާގޮތުން އެ ކުންފުނިން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައި ހުރީ އައްލާމްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އެކައުންޓްތަކަށެވެ.