20 އޯގަސްޓް 2017 - 13:38

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގައި އަނިޔާވި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މަދުވެގެން ތިން ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވިއްޖެ އެވެ.
ރޭގެ މެޗުގެ 26 ވަނަ މިނެޓުގައި އަސަދުﷲ ގެ ކަކުލަށް އަށް އަނިޔާވީ މިލަންދޫ ކުޅުންތެރިއެއްގެ ޓެކުލެއް އަރައިގެންނެވެ. އޭނާ ވަނީ ވަގުތުން ބާލައިފަ އެވެ. އަސަދުﷲ ސީދާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު އެނގޭނީ ދެ ދުވަސް ފަހުންނެވެ. އެކަމަކު ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ހީކުރިހާ އަނިޔާ ސީރިއަސްއެއް ނޫނެވެ. ކަކުލުގެ ދެ ލިގަމެންޓް ކަމަށްވާ އޭސީއެލް އާއި ޓީސީއެލް އަށް ގެއްލުމެއް ނުވެ އެވެ. ބެލެވެނީ މިއީ މެނިސްކަސް ނުވަތަ ކަކުލުގެ ބޭރަށް ލިބިފައިވާ އަނިޔާއެއް ކަމަށެވެ.
އޭނާ ތިން ހަފުތާ ވަންދެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ނަމަ ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ގދ. ތިނަދޫއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 5 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ރަށުން ބޭރުގައި ގައުމީ ޓީމު ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ. އޭނާ އެންމެ އަވަހަށް ވެސް ފިޓްވެގެން ނުކުމެވޭނެ ކަމަށް ބެލެވެނީ ލީގުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެރޭ ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ އިތުބާރު ފޯވާޑް ކުޅުމާ ދުރަށް ދާން ޖެހުމަކީ މާޒިޔާގެ އިތުރުން ގައުމީ ޓީމަށް ވެސް ލިބޭ ގެއްލުމެކެވެ.