21 އޯގަސްޓް 2017 - 18:46

އަންނަ ނޮވެމްބަރު މަހު މާލޭ ސިނާއީ ސަރަހައްދުގައި ބާއްވާ ނައިޓް މާކެޓުން މޭޒެއް ވިއްކާ އަގަކީ 5،750ރ. ކަމަށް ހަމަޖައްސައިފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނިގޮތުގައި 10 ދުވަހުގެ މުއްދަތަށް ބާއްވާ ނައިޓްމާކެޓުން މޭޒު ހޯދުމަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން ކުރިމަތިލުމަށް ހުޅުވާލި ދެ ދުވަހުގެ މުއްދަތު ހަމަވިއިރު އަންދާޒާކުރި އަދަދަށް ވުރެ ގިނައިން، 300 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ނައިޓްމާކެޓުގައި މޭޒު ބަހައްޓާނެ އަދަދު ކަނޑައަޅާނީ އެ ސަރަހައްދު ސާވޭކޮށް ނިމުމުން ކަމަށެެވެ.
މިދިޔަ އަހަރު ނައިޓްމާކެޓް ނުބޭއްވިޔަސް މޭޒެއްގެ އަގުގެ ގޮތުގައި އޭރު ކަނޑައަޅާފައި ވަނީ 7،000 އާއި 15،000ރ. އާ ދެމެދުުގެ އަގެކެވެ.
އެ ޖަމިއްޔާއިން ކުރިން ބުނިގޮތުގައި މޭޒު ވިއްކާ އަގު ކަނޑައަޅާނީ މާކެޓް ރޭޓަށް ބަލާފައި، ވިޔަފާރިވެރިންނަށް ދަތިނުވާނެ ގޮތަކަށެވެ.
ނައިޓް މާކެޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ސޭލް" އެކެވެ. މީގެ ކުރިން މި މާކެޓް ބާއްވަމުން އައީ ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގަ އެވެ.