ދަގަނޑޭ އާއި އަސަދުﷲ އަށް ޖާގަ ކަށަވަރުވާނީ ފިޓްނަސް ޓެސްޓަށް ފަހު
ދަގަނޑޭ އާއި އަސަދުﷲ އަށް ޖާގަ ކަށަވަރުވާނީ ފިޓްނަސް ޓެސްޓަށް ފަހު

އޭޝިއަން ކަޕް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު 5 ގައި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެގި ސްކޮޑުގައި އަނިޔާގައި ހުރި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ހިމެނި ނަމަވެސް އަދި ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބާކީވި ނަމަވެސް ދެ ކުޅުންތެރިންގެ ޖާގަ މުޅިން ކަށަވަރުވާނީ މާދަމާ ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އުރީދޫ ދުވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲ ގެ ކަކުލަށް އަނިޔާވެފައިވާއިރު ބެލެވޭ ގޮތުގައި އޭނާ ތިން ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެފްއޭއެމުން ބުނީ އަސަދުﷲގެ އަނިޔާގެ ތަފްސީލް ބެލުމަށް މާދަމާ ޓެސްޓްތަކެއް ހަދާނެ ކަމަށާއި އޭނާ އެހާތަނަށް ފިޓްވުމުގެ ފުރުސަތު ނެތް ނަމަ ސްކޮޑުން ބާކީކުރާނެ ކަމަށެވެ.

ދަގަނޑޭގެ ގެ ވެސް ޓެސްޓްތަކެއް މާދަމާ ހަދާނެ ކަމަށާއި އޭނާގެ ފިޓްނަސް ލެވެލާ މެދު ހިތްހަމަޖެހޭ ނަމަ ފުރުސަތު ދޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ދަގަނޑޭގެ ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު އެނބުރި އައިސް އޭނާ ވަނީ ޕްރިމިއާ ލީގުގައި ނިއު އަށް ތިން މެޗު ކުޅެދީ ދެ ގޯލް ޖަހައިދީފަ އެވެ. އެކަމަކު އަދިވެސް އޭނާގެ ފިޓްނަސް ސަތޭކަ ޕަސެންޓެއް ނޫނެވެ.

ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި ލާއޮސް އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ފަލަސްތީނު އަތުން ބަލިވި މެޗާއި ބޫޓާން އަތުން މޮޅުވި މެޗުގައި އޭނާ ނުކުޅެ އެވެ.

މި ފަހަރުގެ ސްކޮޑުން އަލުން ފުރުސަތު ހޯދީ ނިއު އަށް ބަދަލުވި ރިލްވާން ވަހީދު (ރިލޭ) އެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުރިން ގަވާއިދުން ހިމެނުނު ނަމަވެސް މިދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ އަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.

މި ފަހަރު ބާކީވި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޓީސީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި މާޒިޔާ އަށް ކުޅެމުން އަންނަ މުހައްމަދު އާރިފް (ބަކާ) ހިމެނެ އެވެ. މީގެ އިތުރުން އެންމެ ފަހުން ނެގި ސްކޮޑުން ފުރުސަތު ހޯދި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް އާއި ޓީސީގެ މުހައްމަދު އައްޒާމް ވެސް ވަނީ ބާކީ ވެފަ އެވެ.

މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ސަމޫހު އަލީ (ސަމުއްޓެ)، އިސްމާއިލް އީސާ.

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، ރިލްވާން ވަހީދު (ރިލޭ). އަބްދުﷲ ޒިޔަޒަން. އަލީ އަޝްފާގު (ދަގަނޑޭ)

ޓީސީ ސްޕޯޓްސް ކްލަބް: ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ). އަހުމަދު ޒާދު.

ގދ. ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ)،

ށ. މިލަންދޫ: މުހައްމަދު އިމްރާން،

ކްލަބް ގްރީން ސްޓްރީޓްސް: އަހުމަދު ރަޝީދު (އައްމަޑޭ). ޝާފިއު އަހުމަދު (ޝާފީ)