އެމްއެމްޕީއާރުސީގެ ފައިސާ މަހްލޫފު ބޭނުންކުރި ކަމަށް ފަލާހު ތުހުމަތުކޮށްފި
އެމްއެމްޕީއާރުސީގެ ފައިސާ މަހްލޫފު ބޭނުންކުރި ކަމަށް ފަލާހު ތުހުމަތުކޮށްފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްވި ކަަމަށް އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

އެކަމަކު މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވައި ވިދާޅުވީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ މި ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކުރާއިރު އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކުރި މީހުން ވެސް އިދިކޮޅުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މަހްލޫފް ކަމަށާއި ހިޔާނާތުގެ ފައިސާ މަހްލޫފަށް ލިބުނުކަން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ފަލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު މިވަންވާން އޮތީ ވެސް އެމަނިކުފާނު އަތުން މަހްލޫފްމެން ފަދަ ބޭފުުޅުން ނެންގެވި ފައިސާ ދައުލަތަށް އަނބުރާ ދެއްކެވުމުންނެވެ.

"އަބުރަށް އަރައިގެން ޖޫރިމަނާ ކުރިޔަސް މައްސަލައެއް ނެތް. މަހްލޫފް ނެގި ލާރި،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހްލޫފަށް ކުރި ތުހުމަތާ އެކު ޖޫރިމަނާކޮށްފި ނަމަ ދޭނެ ފައިސާ "އަޅުގަނޑުގެ އަތުގައި އެބަހުރި" ކަމަށް ކަމަށެވެ. މަހްލޫފް ފައިސާ ނެންގެވި ކަމަށް ހުވާކުރައްވަން ވެސް ތައްޔާރު ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ ތުހުމަތުތަކަށް ރައްދު ދެއްވައި މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އޭނާ ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ. ފަލާހުގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އޭނާ އަށް އެ ވާހަކަތައް އަމާޒުކުރަނީ އިދިކޮޅު ހަރަކާތްތަކުގައި އުޅޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލައެއް ނެތް އަޅުގަނޑު މިކުރާ މަސައްކަތް ހުއްޓުވަން ކިތަންމެ ވަރަކަށް ދޮގު ތުހުމަތުތަކެއް އެޅުވިޔަސް. ފަލާހަކީ އަޅުގަނޑަށް މާ މުހިއްމު މީހެއް ނޫން. އަޅުގަނޑު މަސައްކަތް ކުރަނީ ރައީސް ޔާމީނާއި މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި ގަދަކަމުން އިންނެވި މަސީހާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި. މި މަސައްކަތުގައި އަޅުގަނޑަށް ކުރިމަތިވާ ކޮންމެ ކަމަކާ ކުރިމަތިލާން ތައްޔާރު،" އިދިކޮޅު ހަރަކާތުގެ ތަރުޖަމާން މަހްލޫފް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ތުހުމަތު މަހްލޫފަށް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ކޮންމެހެން ހޮވަން ބޭނުންވި މެމްބަރުންނަށް އެ ފައިސާ އަދީބު ހޭދަކުރެއްވި ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ވެއްދީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ނޫން ކަމަށާއި އެ ފައިސާ ލިބިވަޑައިގަތް މެމްބަރުން ވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.