24 އޯގަސްޓް 2017 - 05:50

ޝާހްރުކް ޚާން މިހާރު ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފަ އެވެ. މިދިޔަ އަހަރު ނުކުތް އޭނާގެ "ފޭން"ގެ ނާކާމިޔާބީއަށް ފަހު ބޮލީވުޑްގައި އޭނާގެ ފިލްމުތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ.
"ފޭން"ގެ ފަހުން ނުކުތް ޝާހްރުކްގެ ފިލްމަކީ "ޑިއާ ޒިންދަގީ" އެވެ. އެ ފިލްމަކީ އާދައިގެ ވަރަކަށް ހިނގި ފިލްމަކަށް ވިޔަސް އެއީ އާލިއާ ބަޓްގެ ފިލްމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެ ފިލްމުގައި ޝާހްރުކް އަދާކުރި ވަރަށް ކުޑަ ރޯލެކެވެ. ދެން ނުކުތީ މިއަހަރުގެ ކުރީކޮޅު ރިލީޒްކުރި "ރައީސް" އެވެ. އެ ފިލްމަށް 137 ކްރޯޑު (13.7 ބިލިއަން ރުޕީސް) ލިބުނެވެ. ނަމަވެސް މިއީ އެ ފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރި ވަރަށް ވުރެ މާ މަދު އަދަދެކެވެ. އެހެން އޮއްވައި ދެން ރިލިޒްވީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
ގިނަ ބަޔަކު އުންމީދުކުރީ މި ފިލްމުން ޝާހްރުކްގެ ކެރިއަރު އަނެއްކާވެސް ހަމައަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް ފާޑުކިޔުންތެރިންނެކޭ އެއްގޮތަށް ބެލުންތެރިން ވެސް މި ފިލްމު ބަލައެއް ނުގަތެވެ. ފިލްމުގެ ނާކާމިޔާބުވީލެއް ބޮޑުކަމުން މިއީ ޝާހްރުކްގެ 25 އަހަރަށް ވުރެ ގިނަ ދުވަސްވީ ފިލްމު ކެރިއަރުގެ ވެސް އެންމެ ނާކާމިޔާބު ފިލްމަށް ވެދާނެކަމަށް ބައެއް މީހުން ބުނެ އެވެ.
ޝާހްރުކްގެ މިހާރުގެ ކަންބޮޑުވުމަކީ އޭނާގެ ކެރިއަރު ވަޅުޖަހަމުންދާތީ ބޮކްސް އޮފީހުގައި އޭނާގެ ރަން ދައުރު ނިމުމަކަށް އަންނާތީ އޮތް ކަންބޮޑުވުމެވެ.
ޝާހްރުކް މިހާރު މަސައްކަތް ކުރަނީ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ފިލްމެއްގަ އެވެ. ޑައިރެކްޓަރު ބުނާ ގޮތުގައި ޝާހްރުކްގެ މިހާރުގެ ކަންބޮޑުވުމަކީ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ނާކާމިޔާބީން ވެގެން އުޅޭ ކަމެއް ނޫނެވެ. އޭނާގެ އެއަށް ވުރެ މާ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އޭނާއަށް ވަރަށް އަގުހުރި އެއްޗެއް ގެއްލިގެންނެވެ. އެއީ ފޭނުންގެ ލޯތްބެވެ.
މިޑް-ޑޭ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ޑައިރެކްޓަރު އާނަންދު ބުނި ގޮތުގައި ޝާހްރުކްގެ ފަހު ފިލްމު އެއްގޮތަކަށް ވެސް ނުހިނގިކަން އެއީ ހަގީގަތެކެވެ. ނަމަވެސް ޝާހްރުކް ކަންބޮޑުވަނީ ފިލްމު ނުހިނގައިގެން އޭނާގެ ބޭންކް އެކައުންޓަށް ވަންނަ ފައިސާ މަދުވެގެނެއް ނޫނެވެ. އެއަށް ވުރެ އޭނާއަށް ތާއީދުކުރާ އޭނާގެ ފޭނުންގެ ލޯބި އޭނާއަށް ގެއްލެމުންދާ ކަމުގެ އިހްސާސުން ޝާހްރުކް މާ ކަންބޮޑުވެ އެވެ.
ޑައިރެކްޓަރު އިތުރަށް ބުނި ގޮތުގައި ޝާހްރުކްގެ ފިލްމުތައް ނާާކާމިޔާބުވުމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވޭކަށް ނެތެވެ. އޭނާއަކީ މީހުންނަށް ވަރަށް އިތުބާރު ކުރާ މީހެއް ކަމަށާއި ފާއިތުވީ ތަނުގައި ވެސް އޭނާގެ ފިލްމުތައް ހިނގާފައިވަނީ ފިލްމު އުފައްދާ މީހުންނަށް އޭނާ ކުރި އިތުބާރެއްގެ ސަބަބުން ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާ އިތުބާރު ކުރި މީހުންގެ ފަރާތުން އޭނަ އުންމީދުކުރި ކަހަލަ ނަތީޖާއެއް ނުނެރެވުމަކީ ޝާހްރުކްގެ ކުށެއް ނޫންކަމަށް އާނަންދު އެލް.ރާއީ ބުނެފައިވެ އެވެ.
އާނަންދުގެ ފިލްމުގައި ޝާހްރުކް ކުޅެނީ ޑުވޯފެއްގެ ރޯލެވެ. ބުނެވޭ ގޮތުގައި މި ފިލްމުގައި އޭނާ ޑަބަލް ރޯލު އަދާކުރާނެ އެވެ. ފިލްމުގެ ބަތަލާއިންނަކީ އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.