23 އޯގަސްޓް 2017 - 12:08

ބާސެލޯނާ (އޮގަސްޓް 23) – ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައިވާ ބްރެޒިލް ފޯވާޑް ނޭމާ އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ބާސެލޯނާ އިން މަސައްކަތް ފަށައިފި އެވެ.
ޕީއެސްޖީން ނޭމާ ގެންދިޔައީ ބާސެލޯނާއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 222 މިލިއަން ޔޫރޯ ދައްކައިގެން ގަނެގެންނެވެ. އޭނާ ވިއްކާލަން ބާސެލޯނާ އިން ބޭނުންނުވި ނަމަވެސް ނޭމާގެ ވެސް ބާރު އެޅުމާ އެކު ޕީއެސްޖީން އޭނާ ގެންދިޔައީ އެވެ.
ބާސެލޯނާ އިން މިހާރު ބޭނުންވަނީ މީގެ ނުވަ މަސް ކުރިން އޭނާ ކްލަބުގެ ކޮންޓްރެކްޓް އާކުރުމުން ބޯނަސްގެ ގޮތުގައި ދިން 8.5 މިލިއަން ޔޫރޯ އަނބުރާ ހޯދާށެވެ. ސަބަބަކީ އޭނާ އެ ކޮންޓްރެކްޓް ފުރިހަމަކޮށްފައި ނުވާތީ އެވެ.
މީގެ އިތުރުން ނޭމާ އަށް އެކަން ކުރެވެން ނެތިއްޔާ ޕީއެސްޖީން އެކަމުގެ ޒިންމާ ނަގަން ވެސް ބާސެލޯނާ އިން ވަނީ އެދިފަ އެވެ.
ނޭމާ ދާދި ފަހުން ވަނީ ބާސެލޯނާގެ ޑިރެކްޓަރުންނަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ބާސެލޯނާ ދޫކޮށްލީ ކްލަބާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކްލަބް ބޯޑް މެމްބަރުންނަށް މައާފް ނުކުރާނެ ކަމަށެވެ.
"އަހަރެން އެއްވެސް އިރެއްގައި އޮޅުވައެއް ނުލަން. ހަގީގަތް ބަދަލެއް ނުކުރެވޭނެ. ބާސެލޯނާއާ މެދު އަހަރެން ކަންބޮޑުވަން. އަހަރެން ވަރަށް އުފާވެރި ހަތަރު އަހަރު އެ ޓީމުގައި ހޭދަކުރިން. އެ ޓީމުން ދޫކޮށްލީ ވެސް ހިތްހަމަ ޖެހިފައިހުރެ. އެކަމަކު އެ ޓީމުގެ ބޯޑާ މެދު ހިތްހަމަ ނުޖެހޭ. އެމީހުންނަށް މައާފެއް ވެސް ނެތް،" ނޭމާ ބުންޏެވެ.