ޝައިލީން ވުޑްލީ އެމެރިކާގެ ކޮންގްރެސް އަށް ވާދަކޮށްފާނެ
ޝައިލީން ވުޑްލީ އެމެރިކާގެ ކޮންގްރެސް އަށް ވާދަކޮށްފާނެ

ސެލެބްރިޓީންނާއި ސިޔާސީ ދާއިރާއަކީ ވަރަށް ދޯޅެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް އެއް އިރަކު ފިލްމް ކުޅުނު މީހެކެވެ. "ޓާމިނޭޓާ" ގެ ތަރިން އާނޮލްޑް ޝްވެޒްނެގާ ވަނީ ކެލިފޯނިއާގެ ގަވަރުނަރުކަން ދެ ދައުރެއްގައި ކޮށްފަ އެވެ.

ދާފި ފަހުން ޑްވޭން "ރޮކް" ޖޯންސް އިއުލާން ކުރި ގޮތުގައި ދެން އޮންނަ ރިޔާސީ އިންތިހާބަކަށް އޭނާ ވާދަ ކުރާނެ އެވެ. ރަނިންމޭޓަކަށް ވާނީ މަޝްހޫރު އެކްޓަރު ޓޮމް ހޭންސްކް އެވެ.

ޒުވާން ބަތަލާ އަދި އެކްޓިވިސްޓް ޝައިލީން ވުޑްލީ މިހާރު ބުނަނީ އޭނާ ވެސް ސިޔާސީ ދާއިރާ އިން ފެނިދާނެ ކަމަށެވެ. އެގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސް އަށް ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް "ފޯލްޓް އިން އަވާ ސްޓާޒް" ފަދަ ފިލްމްތައް ކުޅެފައިވާ 25 އަހަރުގެ ބަތަލާ ވަނީ ދީފަ އެވެ.

އޭނާ މީގެ ކުރިން ވަނީ ސިޔާސީ އެކިއެކި ހަރަކާތްތަކުގައި، ތަޖުރިބާކާރު ސިޔާސީ މީހުންނާ އެކު މަސައްކަތް ވެސްކޮށްފަ އެވެ. އޭގެ ތެރޭގައި ސެނެޓާ ބާނީ ސެންޑާޒް ފާހަގަކޮށްލެވެ އެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ އަހަރު އޮންނަ ކޮންގްރެސްގެ އިންތިހާބުގައި ޝައިލީން ވާދަ ކުރުން ގާތެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އުފައްދައި އެކަމަށް ވަކާލާތު ވެސް ކުރަމުން އަންނަ ބަތަލާ ބުނީ ފަހުން ވާނެ ގޮތެއް ނޭނގޭނެ ކަމަށާއި ސިޔާސީ ދާއިރާ އިން ފެނުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

އޭނާ އަދި ބުނީ ސޭންޑާޒްއާ އެކު މަސައްކަތް ކުރި ދުވަސްވަރު ވެސް ސިޔާސީ ދާއިރާ އަށް ނިކުތުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނުންތަކެއް ގެންގުޅުނު ކަމަށެވެ.

"މަސައްކަތްތައް އަދި ކުރިއަށް އޮތީ. ދިރިއުޅުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް،" ސްނޯޑެންގެ ބަތަލާ ބުންޏެވެ. "އަހަރެން އަދި ވަރަށް ޅަ. އެހެންވީމަ ކުރިއަށް އަދި އޮތީ."

ރިޕޯޓްތައް ބުނާ ގޮތުން ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާގެ މެނޭޖަރު ސްކޫޓަ ބަރޫން ވަނީ އަންނަ އަހަރު ކެލިފޯނިއާގެ ގަވަރުނަރު ކަމަށް ވާދަ ކުރަން ނިންމައިފަ އެވެ.