ލަންކާގެ ޖަސްޓިސް މިނިސްޓަރު ވެސް އެންމެ ފަހުން މަގާމުން ދުރުކޮށްފި
ލަންކާގެ ޖަސްޓިސް މިނިސްޓަރު ވެސް އެންމެ ފަހުން މަގާމުން ދުރުކޮށްފި

ކޮލަމްބޯ (އޮގަސްޓް 24) - ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ވިއްކާލުމަށް ފާޅުގައި ފާޑު ވިދާޅުވި ސްރީ ލަންކާގެ ޖަސްޓިސް މިނިސްޓަރު ވިޖެޔެދަސާ ރާޖަޕަކްސާ މަގާމުން ދުރުކޮށްފި އެވެ.

"ވިޖެޔެދަސާ ވަނީ ކެބިނެޓުގެ ނިންމުންތަކާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައި،" ސަރުކާރުގެ ތަރުޖަމާން ގެޔަންތާ ކަރުނަތިލަ ވިދާޅުވި އެވެ.

އޭނާ މަގާމުން ދުރުކުރުމުގެ އެއް ދުވަސްކުރިން ވަނީ ޕާޓީގެ ފަރާތުން ވެސް ސުލޫކީ ފިޔަވަޅު އަޅައިފަ އެވެ. ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ނިސްބަތްވާ ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާނެ ކަމަށް ވެސް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ.

ޔޫއެންޕީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ 100 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ބެލުމުގައި ތަފާތު ހުރަސްތައް ރާޖަޕަކްސާ ދަނީ ކުރިމަތި ކުރަމުންނެވެ. ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ފައިނޭޝަނަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބެލުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވީ ނަމަވެސް ކުރިއަށް ނުދާތީ ސަރުކާރުގެ ތަރުޖަމާން ރަޖިތާ ސެނަރަތުނަ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ޗައިނާ މާޗެންޓްސް ޕޯޓް ހޯލްޑިން އަށް ވިއްކާލީ 1.1 ބިލިއަން ޑޮލަރަށެވެ. ޖަސްޓިސް މިނިސްޓަރު ވިދާޅުވެފައި ވަނީ ބަނދަރު ވިއްކާލުމަކީ ގޯހެއް ކަމަށާއި އެ ބަނދަރު ސްރީ ލަންކާގެ ރައްޔިތުންނަށް ހޯދައިދީފައި ނޫނީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ޗައިނާ އަށް ބަނދަރު ވިއްކާލީ ލަންކާގެ އިދިކޮޅު ޕާޓީތަކާއި ޓްރޭޑް ޔޫނިއަންތަކުން ވެސް ދެކޮޅު ހަދަމުން ދަނިކޮށެވެ.

ލަންކާގެ ބަނދަރު ޗައިނާ އަށް ވިއްކާލުމުން އެމެރިކާ އާއި އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒް ގަދަކުރަން ކުރާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖަސްޓިސް މިނިސްޓަރު ރާޖަޕަކްސާ އަކީ ދެ ހަފުތާ ތެރޭ ލަންކާ ކެބިނެޓުން ވަކިވި ދެ ވަނަ ބޭފުޅާ އެވެ. މީގެ ކުރިން ވަނީ ސެންޓްރަލް ބޭންކުގެ ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކަ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ޕާލަމެންޓަށް ވައްދައިފަ އެވެ.