26 އޯގަސްޓް 2017 - 09:15

ބާސެލޯނާ (އޮގަސްޓް 26) – ނޭމާ ނެތްތަން ފޫބެއްދުމަށް ބާސެލޯނާ އިން 105 މިލިއަން ޔޫރޯގެ އަގަކަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރެންޗް ވިންގާ އޮސްމާނޭ ޑެމްބެލޭ ގަނެފި އެވެ.
އުމުރުން 20 އަހަރުގެ ޑެމްބެލޭ ގެންނަން ބާސެލޯނާ އިން މިދިޔަ ސީޒަން ނިމުނު ހިސާބުން ފެށިގެން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އެ މަސައްކަތް އައު ބާރަކާ އެކު ފެށީ ޕީއެސްޖީން 222 މިލިއަން ޔޫރޯ އަށް ނޭމާ ގެންދިޔަ ހިސާބުންނެވެެ.
ޑޯޓްމަންޑުން ޑެމްބެލޭ މި ވިއްކާލީ މިދިޔަ އަހަރު ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ޕައުލް ޕޮގްބާ ވެސް ވިއްކާލި އަގަށެވެ. އެކަމަކު ބޯނަސްތަކެއްދޭން ބާސެލޯނާ އިން އެއްބަސްވެފައިވާތީ ޑެމްބެލޭގެ ޓްރާންސްފާގެ އަގު އަދި މަތިވާނެ އެވެ. މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާ އަކީ ނޭމާގެ ޓްރާންސްފާ އެވެ.
ޑެމްބެލޭ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓާ، އަދި ބޯޅައާ އެކު ހަރަކާތްކުރުމުގެ ހުނަރު ވަރަށް މަތީ ކުޅުންތެރިއެކެވެ. އޭނާ އަކީ ނޭމާ ނެތްތަނަށް ކުޅުވަން މި ވަގުތު ލިބެން ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒާ އެކު އޭނާ އަށް ވަރުގަދަ ޕާޓްނާޝިޕެއް އުފެއްދޭނެ ކަމަށް ބެލެވެ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 10 ލަނޑު ޖަހައި 22 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވެލްވާޑޭ ބުނީ ޑެމްބެލޭ އަކީ ވިންގަށާއި ފޯވާޑަކަށް ވެސް ކުޅެވޭ ހަލުވި، ޓެކްނިކަލް ކުޅުންތެރިއެއް ކަމަށާއި އޭނާއާ އެކު ބާސެލޯނާގެ ސްކޮޑް ވަރުގަދަވާނެ ކަމަށެވެ.
ޑެމްބެލޭ ވެސް ހުރީ ބާސެލޯނާ އަށް ބަދަލުވާން ވަރަށް ބޭނުންވެފަ އެވެ. އެގޮތުން ބާސެލޯނާ އިން ޑެމްބެލޭ ހޯދަން ފުރަތަމަ ހުށަހެޅި ބިޑަށް ޑޯޓްމަންޑުން ނޫނެކޭ ބުނުމުން އެކަމާ ހިތްހަމަނުޖެހިގެން އޭނާ ވަނީ ޕްރެކްޓިސް ބޮއިކޮށްޓްފަ އެވެ. އަދަބެއްގެ ގޮތުން ކްލަބުން އޭނާ ސަސްޕެންޑްކުރި އެވެ.
ރޭނިސް އިން މީގެ އަހަރެއް ކުރިން 15 މިލިއަން ޔޫރޯ އަށް ޑޯޓްމަންޑާ ގުޅުނު ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވުމުން ރޭނިސް އަށް ވެސް ފައިދާވާނެ އެވެ. އެއީ އޭނާ އެ ކްލަބުން ވިއްކާލީ، ކުރިއަށް އޮތްތަނުގައި އޭނާ އެހެން ކްލަބަށް ޑޯޓްމަންޑުން ވިއްކާލާނަމަ ލިބޭ ފައިސާގެ ޕަކި ޕަސެންޓެއް އެ ކްލަބަށް ލިބޭ ގޮތަށް ކަމަށްވާތީ އެވެ.
ބާސެލޯނާއާ އެކު ޑެމްބެލޭ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާއިރު އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ ކަމަށް ޖަހާފައިވާ އަދަދަކީ 400 މިލިއަން ޔޫރޯ އެވެ.
ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފައިވާ ޑެމްބެލޭ މާދަމާ ބާސެލޯނާ އަށް ދަތުރުކޮށް އަނެއް ދުވަހު މެޑިކަލް ޓެސްޓް ހަދާނެ އެވެ.