27 އޯގަސްޓް 2017 - 12:00

ޓެކްސަސް (އޮގަސްޓް 27) - އެމެރިކާގެ ޓެކްސަސް އަށް ކުރިމަތިވި ބާރުގަދަ ތޫފާނުގައި ގިނަ އިމާރާތްތައް ބިމާހަވެ، މޯބައިލް އިމާރާތްތައް ވެއްޓި، ބައެއް އުޅަނދު ފަހަރު ގަދަވަޔާ އެކު އެއްގަމަށް ލައްވެއްޖެ އެވެ.

ތޫފާން ހާވޭގެ ސަބަބުން ޓެކްސަސްގެ އެތައް ހާސް ބަޔަކު މިހާރު އުޅެން ޖެހިފައި ވަނީ ކަރަންޓް ނެތި އެވެ. ޓެކްސަސް އަށް މިހާރު އޮތް ބިރަކީ ވޭތުވެދިޔަ 13 އަހަރު ދުވަހު ތެރޭ އެމެރިކާ އަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނުގައި އެ ސްޓޭޓުގައި ފެންބޮޑުވެދާނެތީ އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވެފައި ވަނީ ޓެކްސަސްގެ ހިއުސްޓަން އާއި ކޯޕަސް ކްރިސްޓީގައި މިހާރު ވެސް 20 އިންޗި (50 ސެންޓި މީޓަރު) އަށް ފެންބޮޑުވެފައިވާ ކަމަށެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވެސް އެންމެ ބޮޑަށް ހުރަސް އަޅާފައި ވަނީ ގަދަވައިގެ ސަބަބުންނެވެ. ތޫފާނުގައި މިހާތަނަށް ވަނީ އެކަކު މަރުވެފަ އެވެ.
އެމެރިކާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ، ހިއުސްޓަންގެ ދެކުނުގައިވާ ޖަލެއްގައި ތިބި 4،500 ގައިދީން މިހާރު ވަނީ އެ ސްޓޭޓުގެ އިރުމަތީގައިވާ ޖަލަކަށް ބަދަލުކޮށްފަ އެވެ. އެއީ ކޯރެއް ބަންޑުންވެ ޖަލުގައި ފެންބޮޑުވެދާނެތީ އެވެ.
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 1،800 ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ޓެކްސަސް އަށް ތޫފާން އެރިއިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 130 މޭލު ބާރު މިނުގަ އެވެ. އެހެންކަމުން މިއީ ކެޓަގަރީ 4 ގެ ތޫފާނެކެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން އެމެރިކާ އަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އަދި 1961 ވަނަ އަހަރުގެ ފަހުން ޓެކްސަސް އަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާން ވެސް މެ އެވެ.
* ތޫފާން ގަލްވެސްޓޮން، 1900 - ކެޓަގަރީ 4 ގެ މި ތޫފާނުގައި 8،000 މީހުން މަރުވި. ބޮޑުރާޅު އަރައި ޓެކްސަސްގެ ބައެއް ހިސާބުތަކުގައި 15 ފޫޓަށް ފެންބޮޑުވި.
* ތޫފާން އޮކީޗޯބީ، 1928 - ފްލޮރިޑާ އަށް އެރި ކެޓަގަރީ 4 ގެ މި ތޫފާނުގައި 2،500 މީހުން މަރުވި.
* ތޫފާން ކެޓްރީނާ، 2005 - ނިއު އޯލިއަންސް އަށް އެރި ކެޓަގަރީ 3 ގެ މި ތޫފާނުގައި 1،200 މީހުން މަރުވި. މި ތޫފާނުގައި އެމެރިކާ އަށް ވަނީ 108 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި.
* ތޫފާން ޗެނެރީ ކަމިނަދާ، 1893 - ކެޓަގަރީ 4 ގެ މި ތޫފާނުގައި 2،000 މީހުން މަރުވި.
* ތޫފާން ސީ އައިލެންޑްސް، 1893 - ކެޓަގަރީ 3 ގެ މި ތޫފާނުގައި 1،100 އާއި 2،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި. އަދި 16 ފޫޓުގެ އުސް ރާޅު އެރި.
* ތޫފާން ޖޯޖިއާ-ސައުތު ކެރޮލީނާ، 1881 - ކެޓަގަރީ 2 ގެ މި ތޫފާނުގައި 700 މީހުން މަރުވި.
* ތޫފާން އެޓްލާންޓިކް ގަލްފް، 1919 - ކެޓަގަރީ 4 ގެ މި ތޫފާނުގައި 600 މީހުން މަރުވި.
* ތޫފާން ގްރޭޑް ނިއު އިންގްލޭންޑް 1938 - ކެޓަގަރީ 3 ގެ މި ތޫފާނުގައި 600 މީހުން މަރުވި. މި ތޫފާނުގައި މެސެޗޫސެޓްސްގެ ބައެއް ހިސާބުތަކަށް ވަނީ ގަޑިއަކު 186 މޭލު (299 ކިލޯ މީޓަރު) ގެ ބާރު މިނުގައި ވައި ޖެހިފައި.
* ތޫފާން އައުޑްރޭ، 1957 - ކެޓަގަރީ 4 ގެ މި ތޫފާނުގައި 400 މީހުން މަރުވި.
* ތޫފާން ފްލޮރިޑާ ކީސް ލޭ ޑޭ، 1935 - ކެޓަގަރީ 5 ގެ މި ތޫފާނުގައި 400 އަށް ވުރެ ގިނަ މީހުން މަރުވި.