ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު
ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު

އަނުޝްކާ ޝަރުމާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުން ކަމަށްވާ ޝާހްރުކް، ސަލްމާން އަދި އާމިރާ އެކު މިހާތަނަށް މަސައްކަތްކޮށްފައިވާ މަދު ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އަދި އަނުޝްކާގެ ނަޒަރުގައި މި ތިން ޚާނުންނަކީ ވެސް އެމީހުންގެ ގޮތުގައި ވަރަށް ރަނގަޅު ތިން އެކްޓަރުންނެވެ.

ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު
ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު

ދާދިފަހުން އަނުޝްކާ ވަނީ ސަލްމާނާއެކު ކުޅުނު "ސުލްތާން"ގެ ޝޫޓިން ނިންމާލާފަ އެވެ. އަދި ދާދިފަހުން އަނުޝްކާ ދީފައިވާ އިންޓަވިއުއެއްގައި "ބާއީ"އަށް (ސަލްމާނަށް) ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު
ޝާހްރުކް، އާމިރު އަދި ސަލްމާނަށް އަނުޝްކާގެ ތައުރީފު

އަނުޝްކާ ބުނި ގޮތުގައި "ސުލްތާން" ކުޅުމުގެ ކުރިން އޭނާއަށް ސަލްމާންގެ ގޮތެއް ނޭނގެ އެވެ. ނަމަވެސް އެކުގައި މަސައްކަތްކުރަން ފެށުމުން އޭނާއަކީ ވަރަށް ޝައުގުވެރިވާ އެކްޓަރަކަށްވި އެވެ.

އަނުޝްކާ ބުނި ގޮތުގައި ފިލްމު ސެޓުގައި އޭނާ އިންނަނީ ވަރަށް މަޑުމަޑުން ސަލްމާން ކުރާ ކަންތައް ބަލާށެވެ.

ސަލްމާންގެ ކިބައިގައި އެއްވެސް ކަހަލަ ދެފުށް ދެގޮތްކަމެއް ނުހުންނަ ކަމަށާއި އޭނާ ހިތަށް އެރި އެއްޗެއް ހިތަށް އެރި މީހަކާ ދިމާލަށް ބުނެލާ ކަމަށް އަނުޝްކާ ބުންޏެވެ. އަދި އެ ބުނާއިރު އަނެއްމީހާ ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނަސް އޭނާ ހިތުގައި އެހެން އެއްޗެއް ބާއްވައިގެން އަނެއް މީހާ ހިތްހަމަޖައްސައިދިނުމަށް އެހެން އެއްޗެއް ނުބުނާނެ ކަމަށް އަނުޝްކާ ބުނެ އެވެ.

"ސަލްމާނަކީ ފޭކެއް ނޫން. އޭނާ އަހަންނާ ދޭތެރޭ ވެސް އަދި އެހެން މީހުންނާ ދޭތެރޭވެސް ކަންތައްކުރާނީ އެއްގޮތަކަށް. އޭނާއަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ މީހެއް،" ސަލްމާނަށް ތައުރީފުކުރަމުން އަނުޝްކާ ބުނެފައިވެ އެވެ.

އަނުޝްކާ މީގެ ކުރިން ވަނީ އާމިރު ޚާނާ އެކު ވެސް މަސައްކަތް ކޮށްފަ އެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ނުކުތް "ޕީކޭ" ގަ އެވެ.

އާމިރަށް ތައުރީފުކުރަމުން އަނުޝްކާ ބުނެފައިވަނީ އެއީ ވަރަށް ވިސްނުންތޫނު އަދި ދުރާލާ ރާވައިގެން ކަންތައްތައް ކުރާ މީހެއް ކަމަށެވެ.

"ޕީކޭ" ކުޅުނު ދުވަސްވަރުގެ ހަނދާންތައް އާކުރަމުން އަނުޝްކާ ބުނީ އާމިރުގެ ކިބައިގައި އެހެން މީހުން އޭނާ ދައްކާ ވާހަކަ ގަބޫލުކުރާ ޒާތުގެ ކޮލިޓީއެއް ހުންނަ ކަމަށެވެ.

"އެހެން މީހުންނާ މުއާމާލާތްކުރާށާއި މާކެޓިން އަށް އާމިރު ވަރަށް މޮޅު. އަދި މޮޅު ފިލްމުތައް ހޯދައި އުފެއްދުމުގެ ވިސްނުންތެރިކަން ވެސް އޭނާގެ ކިބައިގައި ހުރޭ. ހިންދީ ސިނަމާއަށް މޮޅު ފިލްމުތަކެއް އާމިރުގެ ސަބަބުން އިތުރުވަނީ އެސަބަބާހުރެ،" އަނުޝްކާ ބުންޏެވެ.

އަނުޝްކާ ބޮލީވުޑަށް ތައާރަފްވި "ރަބް ނޭ މިލާދީ ޖޯޅީ"ގެ ބަތަލު ޝާހްރުކް އާބެހޭ ގޮތުން އަނުޝްކާ ބުނީ އޭނާއަކީ އާސޯޚުވާވަރުގެ އެކްޓަރެއްކަމަށެވެ.

"އޭނާ ވާހަކަ ދައްކާއިރު އަޑުއަހަން އިންނަހިތްވާނެ. އަދި އޭނާއާއެކު ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުމަކީ ކޮންމެ މީހަކަށް ލިބޭނެ ހިތްހަމަޖެހުމެއް. އެހާވެސް އޭނާ ވިސްނުން ތޫނު. މީހުންގެ ރަނގަޅު ކޮލިޓީ އާއި ގޯސް ކަންތައްތައް އޭނާއަށް އެނގޭ ކަހަލަ،" އަނުޝްކާ ބުންޏެވެ.

"ސުލްތާން"އަށް ފަހު އަނުޝްކާގެ ދެން އެންމެ އަވަހަށް ރިލީޒްވާނީ "އޭ ދިލް ހެ މުޝްކިލް" އެވެ. ކަރަން ޖޯހަރްގެ މި ފިލްމުގައި ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއި އަދި ފަވާދު ޚާން ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.