ގޮނޑިއެއް ނުގެއްލޭ، އީސީން އަމަލުކުރަން ޖެހޭނީ ސުޕްރީމް ކޯޓުގެ ނިންމުމަށް: ވަކީލުން
ގޮނޑިއެއް ނުގެއްލޭ، އީސީން އަމަލުކުރަން ޖެހޭނީ ސުޕްރީމް ކޯޓުގެ ނިންމުމަށް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑިއާ ގުޅޭގޮތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށާއި އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލުކުރަން ޖެހެނީ އެ ނިންމުމުގެ މައްޗަށް ކަމަށް އިދިކޮޅު ޕާޓީތަކުގެ ގާނޫނީ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ޖުމްލަ ގޮތެއްގައި ބުނެފައި ވަނީ އެ ގޮނޑިތަކުގެ މައްސަލައިގައި ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށާއި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި، އޭގެ ފަހުން އެކަން ކަށަވަރު ކުރުމަށް އަމުރެއް ވެސް ނެރެފައިވާނެ ކަމަށެވެ. އެހެންވެ، މި މައްސަލައިގައި އިތުރު ހުކުމެއް ނެރެން ޖެހޭނެ ކަމަށް ނުފެންނަ ކަމަށް، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.

ނިންމުމުގައި ބުނެފައި ވަނީ ހުކުމް ހިނގާނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ.

ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ގޮނޑީގެ މައްސަލާގައި މެމްބަރުންގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަން ސުޕްރީމް ކޯޓުގެ ނިންމުމުން ވަރަށް ސާފު ކަމަށެވެ. މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޕީޕީއެމާއި ސަރުކާރުގެ އިސް ބޭފުޅުން މާނަކުރިއަސް، އެ ނިންމުން އެހެން ގޮތަކަށް ތަރުޖަމާކުރާނެ ތަނެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ހުކުމުގައި މިބުނަނީ 13 ޖުލައި އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ ހާލަތެއް ދިމާވެފައި ނެތް ކަަމަށް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމުގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ ތިން މާއްދާ އަށް ރިއާޔަތްކުރާއިރު މެމްބަރުންގެ ގޮނޑިއާ މެދު އިތުރު ގޮތެއް ނިންމަން ޖެހޭނެ ތަނެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރާ ހިލާފަށް ވެސް އެއްވެސް މުއައްސަސާއަކަށް އަމަލު ނުކުރެވޭނެ ކަން ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެހެންވެ އެބަ އެނގޭ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެ ނިންމި ނިންމުން ވެގެން މިދިޔައީ ބާތިލް ނިންމުމެއް ކަމަށް،" ހިސާން ވިދާޅުވި އެވެ.

ގާނޫނީ ވަކީލް އިބްރާހިމް ރިއްފަތު ވެސް ވިދާޅުވީ ހުކުމުން ސާފުވާ ކަމަކީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި މެމްބަރުންގެ މެމްބަރުކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަން ކަމަށެވެ. އެއާއެކު، އެ ނިންމުމުގައި ގާނޫނުއަސާސީގެ ވަރަށް މުުހިއްމު ތިން މާއްދާއަކާ ހަވާލާދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސާފުކޮށް އެނގޭ ހަގީގަތަކީ އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ގައި ނިންމި ނިންމުމަކީ އަދި ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކީ ވެސް އެއީ ސުޕްރީމް ކޯޓުން ކުރިން ނެރުނު ހުކުމާ އެއްގޮތަށް، އޭގައި ބުނާ ހާލަތަށް ރިއާޔަތްކުރެވިގެން ބަލަން ޖެހޭ މިންވަރަށް ކަންކަމަށް ބެލެވިގެން ނިންމާފައި އޮތް ނިންމުމެއް ނޫން ކަމަށް،" ރިއްފަތު ވިދާޅުވި އެވެ.