މާކް ޒުކަބާކަށް ދެވަނަ ދަރިއަކު ލިބިއްޖެ، މި ފަހަރު ވެސް އަންހެން ކުއްޖެއް
މާކް ޒުކަބާކަށް ދެވަނަ ދަރިއަކު ލިބިއްޖެ، މި ފަހަރު ވެސް އަންހެން ކުއްޖެއް

ފޭސްބުކްގެ ބާނީ މާކް ޒުކަބާގާއި އަންހެނުން ޕްރިސީލާ ޗެން އަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

ފުރަތަމަ ދަރިފުޅު މެކްސް ޒުކަބާގަށް ދެ އަހަރު ފަހުން އެ ދެމަފިރިންނަށް މި ފަހަރު ވެސް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ އޮގަސްޓް އެވެ. ޒުކަބާގް ވަނީ ދަރިފުޅުގެ ފޮޓޯއެއް ވެސް ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.

ދޮށީ އަންހެން ދަރިފުޅާ ވެސް އެކު ނަގަފައިވާ ފޮޓޯގައި އަންހެނުން ޕްރިސީލާ އިންނަނީ އާއިލާ އަށް އިތުރުވި އާ މެމްބަރު އުނގަށްލައިގެންނެވެ. އެ ފޮޓޯއާ އެކު ޒުކަބާގް ވަނީ ދަރިފުޅާ މެދު އޮތް އުންމީދުތައް ވެސް ހިއްސާކޮށްފަ އެވެ.

މެކްސް 2015 ގައި އުފަންވުމުގެ އުފަލުގައި ވެސް ހަމަ މިފަދަ ދިގު އުންމީދީ ބަޔާނެއް ދުނިޔޭގައި ފަސް ވަނަ އަށް އެންމެ މުއްސަނދި ޒުކަބާގް ވަނީ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އަދި މެކްސް ލިބުމުން އެކަމުގެ އުފަލުގައި ދެމަފިރިންގެ ނަމުގައި ޗެން ޒުކަބާގް އިނިޝިއޭޓިވްގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައި ކުޑަކުދިންގެ ތައުލީމާއި ސިއްހަތަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައިވެ އެވެ.

އޮގަސްޓްއާ ބެހޭ ގޮތުން ޒުކަބާގްގެ ދެމަފިރިން ބުނީ ދެވަނަ ދަރިފުޅު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި ދަރިންގެ މުސްތަގުބަލް އުޖާލާކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ކޮންމެ ކުއްޖެއްގެ ހަޔާތުގައި ވެސް ޅައިރުގެ ދުވަސްވަރަކީ ވަރަށް އުފާވެރި ޖާދޫއެއް ކަހަލަ ދުވަސްތަކެއް ކަމަށާއި އޮގަސްޓަކީ ވެސް އުފަލާއި މަޖަލުގައި އުޅޭނެ ކުއްޖަކަށް ވާނެ ކަމުގެ އުންމީދު ދެކޭ ކަމަށް ބުނެފައިވެ އެވެ.

އުމުރުން 33 އަހަރުގެ ޒުކަބާގާއި ޕްރިސީލާ، 32، ކައިވެނި ކުރީ 2012 ގަ އެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުން ކުރާ ސޯޝަލް މީޑިއާ ފްލެޓްފޯމްގެ ގޮތުގައި އޮތް ފޭސްބުކާ އެކު، ފޯބްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޒުކަބާގްގެ މިލްކިއްޔާތު މިހާރު 71.8 ބިލިއަން ޑޮލަރަށް އަރަ އެވެ.