"ހީރާ ޕޭރީ 3" ގެ ޑައިރެކްޓަރު ނީރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް
"ހީރާ ޕޭރީ 3" ގެ ޑައިރެކްޓަރު ނީރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް

"ހީރާ ޕޭރީ 3" ގެ ޑައިރެކްޓަރު ނީރަޖް ވޯރާ އަށް ހާޓް އެޓޭކެއް ޖެހި ކޯމާގައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ ފިލްމު ނިންމޭނެ އެއްވެސް ގޮތެއް ނެތި އޮތީ ހުއްޓިފަ އެވެ.

ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ބްރެއިން ސްޓްރޯކެއް ޖެހި ނީރަޖް ކޯމާއަށް ދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލްސް ސައިންސް (އެއިމްސް)ގައި އެޑްމިޓްކޮށްގެން ނީރަޖަށް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދީފަ އެވެ.

ފަހުން އޭނާ ވަނީ ގާތް އެކުވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފީރޯޒް ނަދިއަދްވާލާގެ ގެޔަށް ބަދަލުކޮށްފަ އެވެ. އެ ގޭގެ އެއް ކޮޓަރި އިންޓެންސިވް ކެއާ ޔުނިޓަކަށް ބަދަލުކޮށް މިހާރު ނީރަޖަށް ފަރުވާ ދެމުން އަންނަނީ އެ ތަނުގަ އެވެ. އެތަނުގައިނަރުހުންނާއި ނިއުރޯ ސާޖަނުން އަދި އެނޫން ވެސް ޑޮކްޓަރުން ތިބެގެން ނީރަޖް އަށް 24 ގަޑިއިރު ފަރުވާ ދެވޭނެ ގޮތް ފީރޯޒް ވަނީ ހަމަޖައްސާފަ އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ނީރަޖްގެ ވަރަށް ގިނަ އެކުވެރިން އޭނާ އަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ކަމަށްވެ އެވެ. ބައެއް މީހުން ބުނަނީ ރަނގަޅުވާ ކަމުގެ ނިޝާންތައް ނީރަޖްގެ ހަށިގަނޑުން މަޑުމަޑުން ފެންނަމުން އަންނަ ކަމަށެވެ.

ނީރަޖް ބަލިވުމުގެ ސަބަބުން، އޭނާ މަސައްކަތް ފަށާފައިވާ "ހީރާ ޕޭރީ 3" ވަނީ ހުއްޓިފަ އެވެ.

ނީރަޖް އަކީ ބޮލީވުޑްގެ ވަރަށް މަޝްހޫރު މޫނެކެވެ. "ކޮމްޕެނީ"، "ޕުކާރު"، "ރަންގީލާ"، "ސަތުޔާ"، "ބާދުޝާހު"، އަދި "މަން" ފަދަ ފިލްމުތަކުގައި އޭނާ މުހިއްމު ރޯލުތަކެއް ކުޅުނު މޮޅު އެކްޓަރެއް ވެސް މެއެވެ. އަދި "ހީރާ ޕޭރީ"، "ރަންގީލާ"، "އަކޭލޭ ހަމް އަކޭލޭ ތުމް" އަދި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތަކުގެ ވާހަކަ އާއި ސްކްރިޕްޓް ލިޔެފައިވަނީ ވެސް އޭނާ އެވެ.

"ޕިރް ހީރާ ޕޭރީ" އާއި "ޗާޗީ 420" ޑައިރެކްޓްކުރީ ވެސް ނީރަޖް އެވެ.

ނީރަޖްގެ އަނބިމީހާ ވަނީ މީގެ އެތައް އަހަރެއް ކުރިން މަރުވެފަ އެވެ. އޭނާގެ ދަރިއަކު ނެތެވެ.