ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އައިސީޔޫގައި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އައިސީޔޫގައި

ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން ދުވަސްވީ މީހަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އޭޑީކޭ އިން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އޭނާ ނޭވާލަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ އިރުއޮއްސެނިކޮށް ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ބޮލަށާއި ފަޔަށް ވަނީ ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގައި ދެ ސައިކަލް ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، އުމުރުން ދުވަސްވީ މީހާ ދުއްވި ސައިކަލްގައި ޖެހުނުއިރު، އަނެއް ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށްފަހު ފިލައިފަ އެވެ.

ޒަހަމްވި މީހާ އަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެކަމަކު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ހާލު އިތުރަށް ސީރިއަސްވުމާ ގުޅިގެން ރޭގެ ވަގުތެއްގަ އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ޒަހަމްވިއިރު، މިދިޔަ އަންގާރަ ދުވަހުގެ ރޭ އައްޑޫ މަރަދޫގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު ވަނީ މަރުވެފަ އެވެ.