ހަސަދަ
ހަސަދަ

ބުދަ ދުވަހާ ގުޅޭ

"އަހަންނަކަށް ނުފެނޭ ތި ކަން ކުރާކަށް މަންމާ!" މޫނިސާ އެދުނެވެ. "ވިހަވެދާނެ. އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް."

"ކޮން ޖެއްސުމެއްބާ އިތުރަށް އޭނަ ކުރާނީ؟" ނާޒިމާ އެހިއެވެ. "މަންމަ މި އުޅެނީ ސިހުރުހަދާ މީހެއް ގާތަށް ގޮސް އޭނައަށް ސިހުރު ހަދާކަށް ނޫނޭ. އެ ފެންވަރަކަށް މަންމައެއް ނުވެއްޓޭނެ. ބިރުގަންނަވާލަން ބޭނުންވަނީ. އޭރުން ވެސް ފަހަރެއްގަ އޭނަ މައިތިރިވެއްޖެއްޔާ ކިހާ ރަނގަޅު."

މޫނިސާ ވިސްނައިލިއެވެ. އެ އިން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމަކަށް މޫނިސާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"އޭނަ ފަތިހު މުޅި ގޯތިތެރެއަށް ފެންއަޅާ މިހާރު ވެސް. އެ އަށް ވުރެ ކުރިން އަހަރެން ތެދުވެ ގޯތިތެރެއަށް ފެންއަޅާތަން އޭނައަށް ދައްކާލީމަ އެނގިދާނެތާ ވާގޮތެއް،" ނާޒިމާ ބުންޏެވެ. "ފަހަރެއްގަ އޭނަ ބިރުން މި ގެއިން ނުކުމެގެން ގޮއްސިއްޔާ ކިހާ ރަނގަޅު."

މޫނިސާ ގަބޫލެއް ނުވިއެވެ. ވާނެ ގޮތް ނޭނގޭތީއެވެ. އެކަމަކު ނާޒިމާ އެ ރޭ ފަތިހު ހޭލިއެވެ. ގޯތިތެރޭގައި ޒިދުނާ އުޅޭތަން ވެސް ނާޒިމާއަށް ފެނުނެވެ. ބިންމައްޗަށް ފެންއަޅައި، ކުނިކަހައި، ގަސްގަހުން ފަތް ބިނދެ ވެސް ހެދިއެވެ. ނާޒިމާ ހިތަށްއެރިއެވެ. ޒިދުނާ ކުޅަދާނައެވެ. އެންމެ ރެޔެއް ވެސް ދޫކޮށްނުލައެވެ. ވަރުބައްޔެއް ވެސް ނުވެއެވެ. އެ ވަރަށް އެ ކަމަށް ދެވިހިފައިފައި ހުރި މީހަކު، އޭނަ ބޭނުން ކަންތައް ނުވަނީސް އެ ކަމެއް ހުއްޓައެއް ނުލާނެއެވެ. ރަނގަޅުވާނީ ކުރިމަތިނުލިއްޔާއެވެ.

ގެއިން ނުކުންނާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. އެކަމަކު، ގޭގައި ހުރުމަކަށް ކުޅަދާނައެއް ނުވިއެވެ. އެންމެ ފަހުން މާލެ ދޫކޮށް ހުޅުމާލެއަށް ބަދަލުވިއެވެ. ނާޒިމާއަށް އެނގެއެވެ. ނާޒިމާ ގެއިން ނުކުތުމުން ގޭގައި އުޅޭ އެހެން ކުދިންގެ ބޮލަށް ޒިދުނާ އެރޭނެއެވެ. އެ އެންމެން ނާޒިމާއާ ދެކޮޅަށް އަނބުރައިލާނެއެވެ. އެހެނަސް، ﷲ އަށް ވަކީލުކޮށްލުން ނޫން ގޮތެއް ނާޒިމާއަކަށް ނެތެވެ. ދަރިންނާއި ޢާއިލާގެ ރައްކާތެރިކަން ނާޒިމާއަށް މާ މުހިންމެވެ.

ގެއިން ނުކުތުމާއެކު ނާޒިމާއަށް ހަމަނޭވާ ލެވުނެވެ. ސިކުނޑިއަށް ލުއި ލިބުނެވެ. ގޭގައި އުޅުނުއިރު އުޅެންޖެހުނީ ފިކުރުތަކުން ސަލާމަތް ނުވެވިގެންނެވެ. އެ ކަމެއް ފެށުނީ ޒިދުނާ ގެއަށް އައި ހިސާބުންނެވެ. ވިސްނައިލީމައި އެ ކަން އެނގެއެވެ. ކުރިން ނާޒިމާ ބަލިވެގެން އުޅުނުއިރު، ޒިދުނާއަށް ވުރެ ހެޔޮ މީހަކު ގެޔަކު ނޫޅެއެވެ. ޒިދުނާގެ ކަންކަން ފަހަށް ބަހައްޓައިފައި ޒިދުނާ އުޅުނީ ނާޒިމާއަށް ކަންތައް ކޮށްދޭށެވެ. ޙަޤީޤަތުގައި ޒިދުނާ ކުރި ކަމަކީ، އޭނަ ބޭނުންވާ އެއްޗެހި ނާ×ޒިމާއަށް ކާންދޭން ދަނޑިވަޅު ހޯދުމެވެ. ބަލި މީހަކަށް ކަންކަން ކޮށްދޭ މީހަކަށް ރަނގަޅު ދަނޑިވަޅުތައް ލިބޭނެއެވެ. ނާޒިމާއަށް އެ ވަރު ނުވިސްނުނީއެވެ. ކުޑަމިނުން ޝައްކެއް ވެސް ނުކުރެވުނީއެވެ. ޒިދުނާ މަތިއޮމާންކުރަން މޮޅުވީމައެވެ.

ހުޅުމާލޭގައި ދިރިއުޅެން ފެށުމުން ދަރިންގެ ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އައެވެ. އެންމެ ބޮޑު މުސީބާތަށް ވެފައިވާ ކުނިވަސްދުވުން ވެސް ހުއްޓުނެވެ. އެ ވަސް ނުދުވުން އެއީ "މައްސަލައެއްހެން" ހީވާ ވަރަށް ނާޒިމާ ހުރީ އެ ވަހަށް އާދަވެފައެވެ. ކުރިން ނާޒިމާ އެތައް ވަގުތެއް ވިޔަފާރީގެ ކަންކަމަށް ހޭދަކުރަން ޖެހެއެވެ. ކުދިން އޭރު ތިބެނީ ގޭގެ ކުޑަކުޑަ ކޮޓަރީގައި ހައްޔަރު ވެފައެވެ. ކުނިވަސް ކެނޑޭ ވަގުތެއް އޭރަކު ނާދެއެވެ. އަބަދު ކަހަލަ ގޮތަކަށް ކޮޓަރި ބަހައްޓަން ޖެހުނީ މީރުވަސް ދުއްވައިފައެވެ. މީރުވަސްދުވާ ތެލެއް ނުވަތަ އުއްބައްތިއެއް ރޯކޮށްފައި ނުހުންނަ ވަގުތެއް ނުދެއެވެ. ދޮރެއް ހުޅުވައިލެވޭކަށް ނޯވެއެވެ. އެހެންނަމަވެސް ގޭގައި ކެތްކުރެވޭތޯ ބެލީއެވެ. ގެއިން ނުކުތީ ދެން ހަމަ ކެތްނުވެގެންނެވެ.

ނާޒިމާ ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރި ދުވަސްވަރު، ރާއްޖޭގެ އެހެން ރަށެއްގައި ސިހުރުގެ ކަންތައް ވަރަށް ބޮޑުވިއެވެ. ރާޝިދު ދިޔައީ އެ ރަށަށެވެ. ދިޔުމުގެ ކުރިން އަނިލްއަށް ރުޤްޔާކުރަން ދަސްކޮށްދިނެވެ. ނާޒިމާ ނޫން މީހަކަށް އަނިލް އެ ކަމެއް ނާންގައެވެ. އަނިލްއަކީ ނާޒިމާގެ ކޮއްކޮއެކެވެ. ރާޝިދު އެންމެ ފުރަތަމަ ގެޔަށް ގެނެސްދިނީ ވެސް އަނިލްއެވެ. ނާޒިމާގެ އެއްބަނޑުއެއްބަފާ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ގުޅުމެއް ބޭއްވީ އަނިލްއެވެ. ފޯނުން ގުޅައިގެން ނާޒިމާގެ ހާލު ބަލައެވެ. ގިނަގިނައިން ހުޅުމާލެއަށް އާދެއެވެ. އަނިލް ބުނި ގޮތުގައި ނާޒިމާ ގެއިން ނުކުތުމަކުން ޒިދުނާގެ ސިހުރުހެދުމަކަށް ބަދަލެއް ނާދެއެވެ. ވިއްޔާވީ ވަރުގަދައެވެ. އޭނަގެ އަސްލު މަޤްޞަދަކީ ކޮބައިކަމެއް ނޭނގެއެވެ.

"މި ދުވަސްވަރު އުޅެނީ ގުރާތަކެއް ގެނެސްގެން،" އަނިލްގެ ފޯނުން ފޮޓޯތައް ދައްކަމުން ބުންޏެވެ. "ކީއްކުރަންބާ؟"

"އަޅާލާނެކަމެއް ނެތް. އެ މީހަކު ކުރި ކަމެއް އެ މީހަކަށް." އަނިލް ގާތުގައި ނާޒިމާ އިތުރު ވާހަކައެއް ނުދައްކައެވެ.

ދުލުން ހާމަ ނުކުރިޔަސް ނާޒިމާގެ ހިތުގެ ޑައިރީގައި ޒިދުނާގެ މަކަރުވެރިކަން ލިޔެވިފައިވާ ކަޅު ސަފުހާތަކެއް ހުއްޓެވެ. ބުޅަލާއި ދޫނި ގެންގުޅުމަކީ ޒިދުނާގެ އަބަދުވެސް ކުރާ ކަމެކެވެ. ބައެއް ބުޅާ ފެންނާނީ އެންމެ ދުވަހަކުއެވެ. ބައެއް ފަހަރު ބުޅާ ވިހައެވެ. ޖެހިގެން އަންނަ ދުވަހު، ކުދި ބުޅަލުގެ ތެރެއިން އެއް ބުޅާ މަދުވާނެއެވެ. އެހެން ގޮސް ހުރިހައި ކުދި ބުޅާތައް ހުސްވެއެވެ. ޒިދުނާ ބުނަނީ މީހަކަށް ދިނީކަމުގައެވެ. ނުވަތަ މަރުވީ ކަމުގައެވެ. ދެ ދުވަހު ދޫންޏެއް ފެނިލައިފައި ދެން އެ ދޫންޏެއް ނުފެންނާނެއެވެ. ދިރޭ ކުކުޅު ވެސް ވަރަށް ގިނައިން ޒިދުނާ ގެނެއެވެ. އައިސް ކުކުޅު މާ އަގު ހެޔޮކޮށް، ފަސޭހައިން ލިބެންހުއްޓައެވެ. ޒިދުނާ ބުނާ ގޮތުގައި އައިސް ކުކުޅު އޭނައަށް ނުބައީއެވެ. ޙަޤީޤަތުގައި، އެ ފަދަ އެއްޗެހި ގެންގުޅުމަކީ ސިހުރުވެރިންގެ އާދައެކެވެ. ޝައިތާނާއަށް ގުރުބާން ކުރުމަށްޓަކައެވެ. ސިހުރުގެ ބާރު ގަދަކޮށް، ފުޅާ ކުރުމަށްޓަކައެވެ. ގުރުބާން ކުރުމަށް ފަހު އެ އެއްޗެއް ކުނިކޮށްގެން ގިނަ ދުވަހު ގެންގުޅެއެވެ. ޝައިތާނާގެ ރުހުން ހޯދުމަށް ޓަކައެވެ. މުޑުދާރުކަމަށް ޝައިތާނާ ލޯބިކުރާތީއެވެ.

ޒިދުނާއަކީ ކާކުކަން އެންމެ ރަނގަޅަށް ބުނެދިނީ ރާޝިދެވެ. އޭނަ ބުނި ގޮތުގައި، ޒިދުނާއަކީ މާލޭގައި ތިބި އަންހެން ސިހުރުވެރިންގެ ތެރެއިން އެންމެ ބާރު ގަދަ ތިން މީހުންގެ ތެރެއިން އެކަކެވެ. ޒިދުނާ ބަރާބަރަށް ސަހަރާއަށް ގޮސް، ބޮޑު ގަހުގައި އިންނަ ޝައިތާނާޔާ ބައްދަލުކުރާނެއެވެ. ސިހުރުގެ ބާރު ގަދަކުރުމަށްޓަކައެވެ. ސިހުރުހަދަން ވެލި ނެގުމަށްޓަކައެވެ. ގޯތިތެރެއަށް ބުރުއްސަން ބޭނުންކުރަނީ އެ ވެއްޔެވެ. އޭތިމީތިން ދިޔަ ނަގައިގެން ޒިދުނާ ގޭގައި ފެން ހާކާނެއެވެ. އެއީ ވެސް ވަރަށް ބޮޑު ތެދެކެވެ. ޒިދުނާ ތަޅުންގަނޑުގައި މޮޕުލުމުން ދުވާނީ ކުނިވަހެކެވެ. އޭރު ވެސް "ކުނި މޮޕުގެ" މައްސަލަ އޮންނަނީ ވަރަށް ބޮޑުވެފައެވެ. އެންމެންގެ ޝަކުވާއަކަށް ވެފައެވެ. ނާޒިމާގެ ކުދިން އިސްކޫލަށް ދާންވެގެން ތިރިޔަށް ފައިބާނީ ލަކުޑި ސިޑިއަކުންނެވެ. މުޅި ސިޑީގައި އޮންނަނީ އެ މޮޕު ހާކައިފައެވެ. އެ ވަސް ދުވާ ސަބަބު ޒިދުނާއަށް އެނގޭކަމަކަށް ނުވެއެވެ. މޮޕު ބަރާބަރަށް ދޮންނަ ކަމަށްވެއެވެ.

"ސިހުރުން ލިބޭނީ ވަގުތީ އުފާ،" ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "އެ މީހުންގެ ނިމުން ވަރަށް ހިތިވާނެ. ދެން ކުރިމަތިވާނީ އިންތިހާއަށް ބިރުވެރި ހަޔާތެއް."

ގޭގެ ހާލަތު ބެލުމަށް ޓަކައި މަދުމަދުން ނާޒިމާ ގެއަށް ވަދެލައެވެ. ގޭތެރެ އޮންނަނީ ފާޑަކަށް ފަޅުވެފައެވެ. އެއްވެސް ދިރުމެއް ނޯވެއެވެ. ހުރިހައި ފަރާތަކުން ފެންނަނީ ވީރާނާކަމެވެ. ގެ ބޮލަށް ވެއްޓޭ ހިސާބަށް ދާއިރު ވެސް އެ ކަމާ ވިސްނާ މީހަކު އުޅޭހެނެއް ހިޔެއްނުވެއެވެ. އެ މަންޒަރު އެކަކަށް ވެސް ނުފެންނަ ކަހަލައެވެ. ގޭގައި އުޅޭ މީހުން ތިބެނީ އެ މަންޒަރުތަކަށް އާދަވެފައެވެ.

ގެ ހެދުމަށްޓަކައި ކިތަންމެ ފަހަރަކު ކުރެހުން ތައްޔާރުކުރިއެވެ. ނާޒިމާ އިސްނަގައިގެންނެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަހަލަ ހުރަހެއް ކުރިމަތިވެގެން އެ ކަން ކާމިޔާބެއް ނުވެއެވެ. ގެ ބަހަން އުޅެގެން އެ ކަމެއް ވެސް ނުވިއެވެ. ނާޒިމާއަށް ފާހަގަކުރެވުނު ގޮތުގައި، ޒިދުނާގެ ސިހުރުގައި ގޭގެ ގިނަ މީހުން ތިބީ ޖެހިފައެވެ. ފަހަކަށް އައިސް ޒިދުނާގެ މައްޗަކަށް އެކަކު ވެސް ބަހެއް ނުކިޔައެވެ. ނާޒިމާ އެ ކަމާ ވަރަށް ހައިރާންވިއެވެ. ޒިދުނާގެ ބަސް އެހާ ގަދަވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ ނޭނގުމުގެ ތެރޭގައި ވިޔަސް އެ ކަންތައް ދިޔައީ ބޮޑުވަމުންނެވެ. ގޭގެ އިސް މީހަކީ ނާޒިމާ ނަމަވެސް ޒިދުނާއަށް އެންމެން ދޫދޭން ފެށިއެވެ. ނާޒިމާ ހުއްޓައި ވެސް ޒިދުނާގެ ލަފަޔަށް އިސްކަން ދޭން ފެށިއެވެ. ނާޒިމާގެ ލޯ ކުރިމަތީގައެވެ. އިނާޔާ ވެސް ހުރީ ޒިދުނާއަށް ވިކިފައެވެ. އިނާޔާއަށް ޒިދުނާ ސިހުރުހަދައިގެން އެ ކަމުން އިނާޔާ ސަލާމަތްކޮށްދިނީ ނާޒިމާއެވެ. އެ ކަން ހިނގިތާ މާ ގިނަ ދުވަހެއް ނުވެސްވެއެވެ. އިނާޔާއަކީ ޒިދުނާއާ އެންމެ ދެކޮޅު ކުއްޖާއެވެ. އެ މަންޒަރު ވެސް ބަދަލުވީއެވެ.

"ތީ އަޅެ ހަމަ އިނާޔާތަ؟" ނާޒިމާ ވަކިން ވާހަކަދެއްކިއެވެ. "ހުރިހާ ކަމެއް މިހާރު ހަނދާންނެތުނީ؟"

"ދައްތަ މިހާރު ޗޭންޖުވެއްޖޭ!" އިނާޔާ ބުންޏެވެ. "ކޮންމެ މީހަކަށް ވެސް ސެކަންޑް ޗާންސް އޮންނަންވާނެ."

"މަށަކަށް ނޭނގެ ތި ދައްކަނީ ކޮން ޗާންސެއްގެ ވާހަކައެއްކަމެއް،" ނާޒިމާ ވަރަށް ރުޅިއައިސްފައި ބުންޏެވެ. "އެނގޭ ކަމަކީ އެންމެންގެ ބޮލަށް ވެސް އޭނަ ޗިޕުޖަހައިފިކަން. އެންމެ ރަނގަޅު. ތި ބުނަނީތާ އޭނަ ޗޭންޖު ވެއްޖޭ! ދެ ނަމާދު ދޭތެރޭގަ އޭނަ ކުރަނީ ކީއްތޯ ބަލާލަބަލަ! ކެރޭނެތަ؟ އޭރުން ފެންނާނެ ތި ބުނާ ޗޭންޖު! އޭނަ އިންނާނެ ކުއްޖާ ނިންދަވަންކަމަށް ހެދިގެން އެނދަށް އަރައި ދެ ފައި ވަށްކޮށްގެން. ދޮރަށް ފުރަގަސްދީގެން އިންނާނީ. ކެރެންޏާ ބަލާލަބަލަ ކީއްތޯ އޭނަ ކުރަނީ. އަޅެ އެ ގަޑީގަ އޭނައަށް ގޮވާލަބަލަ ވާ ގޮތެއް ބަލައިލަން. ކެރޭނެތަ ޗޭންޖު ބަލައިލަން؟"

އިނާޔާއަކީ ކެރޭ ކުއްޖެކެވެ. ކުރަން ހިތަށްއެރި ކޮންމެ ކަމެއް އޭނަ ކުރެއެވެ. ގަޑިން ރޭގަނޑު ހަތެއް ޖެހިތާ މާ ގިނައިރެއް ނުވެއެވެ. އެއީ ގޭތެރެ އެންމެ ފަޅުވާ ވަގުތެވެ. ދެ ފިކުރެއްގައި ހުރެފައި އިނާޔާ ގޮސް ޒިދުނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނާޒިމާ ބުނީ ތެދެކެވެ. ޒިދުނާ އިނީ ދޮރަށް ފުރަގަސްދީގެންނެވެ.

"ދައްތާ!" އިނާޔާ ގޮވައިލިއެވެ.

ނުނިމޭ