03 ސެޕްޓެމްބަރ 2017 - 12:05

ޓޯކިޔޯ (ސެޕްޓެމްބަރު 3) - ނޯތު ކޮރެއާ އިން ހަ ވަނަ ނިއުކްލިއާ ޓެސްޓެއް މިއަދު ކޮށްފައިވާ ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ވިދާޅުވެއްޖެ އެވެ.
ނޯތު ކޮރެއާގެ ރަސްމީ ޓީވީން ބުނެފައި ވަނީ މުހިންމު އެނައުންސްމަންޓެއް މިއަދުގެ ވަގުތެއްގައި ދޭނެ ކަމަށެވެ. އަދި ފަހުން ވަނީ ނިއުކްލިއާ ޓެސްޓެއް ކުރިކަން ޔަގީންކޮށްދީފަ އެވެ.
ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ކުރި ކަމަށް ބުނާ ސަރަހައްދަށް ބޮޑު ލޮޅުމެއް މިއަދު އައިސްފައިވާ ކަމަށް ސީސްމޯލޮޖިސްޓުން ބުނެފައިވެ އެވެ. މި ލޮޅުން އަރާފައިވާކަން އިއުލާންކުރި އިރު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ހައިޑްރިޖަން ބޮމެއްގެ ކައިރީ ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އެ ގައުމުގެ ރަސްމީ މީޑިއާ އިން ވަނީ އާއްމުކޮށްފަ އެވެ. ރަސްމީ މީޑިއާ އިން ބުނީ މި ބޮން ބެލިސްޓިކް މިސައިލަކަށް ލޯޑް ކުރާނެ ކަމަށެވެ.
ސައުތު ކޮރެއާ އިން ބުނެފައި ވަނީ ބިންހެލުމެއް ފަދަ ކޮޅުން އަރާފައި ވަނީ ކިލްޖޫ ކައުންޓީ އަށް ކަމަށެވެ. އަދި މިއީ ރިކްޓާ މިންގަނޑުން 9.8 ގެ ބާރުމިނުގެ ލޮޅުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން މިއީ ނޯތު ކޮރެއާ އިން ކުރި ފަސް ވަނަ ނިއުކްލިއާ ޓެސްޓަށް ވުރެ ބާރުގަދަ ޓެސްޓެކެވެ. ނޯތު ކޮރެއާގެ ނިއުކްލިއާ ޓެސްޓާ ގުޅިގެން ސައުތު ކޮރެއާގެ ރައިސް މޫން ޖައި-އިން ވަނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ނޯތު ކޮރެއާ އަށް އައިސްފައި ވަނީ 6.3 ގެ ބާރު މިނުގެ ލޮޅުމެއް ކަމަށެވެ.
ނޯތު ކޮރެއާގެ ފަސް ވަނަ ނިއުކްލިއާ ޓެސްޓްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.