03 ސެޕްޓެމްބަރ 2017 - 19:48

މިއަންމާގެ ރޮހިންޖާ ދަރިފަސްކޮޅުގެ މީހުންގެ އިންސާނީ ހައްގުތައް، އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ހިމާޔަތްކޮށްދޭންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެން ސިފައިން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ މި މައްސަލާގައި، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ކަމަކީ ސިޔާސީ ފައިދާ އަށް ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ރޮހިންޖާ ދަރިފަސްކޮޅުގެ އިންސާނީ ހައްގުތައް އަން ސަން ސޫކީ ހިމާޔަތްކޮށްދޭންޖެހޭ ކަމަށެވެ.
އދ އިން ބުނާގޮތުގައި ސިފައިންގެ ހަމަލަތަކާ ގުޅިގެން، މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުން ފިލަންދާ ރެފިއުޖީންގެ އަދަދު 40،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރަައިފަ އެވެ.
ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ ސިފައިން އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާއިރު ވެސް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނަވާތީ އޭނާ އަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވީ ރަކީން ސްޓޭޓުގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ރަކީން އަކީ މިއަންމާގެ އެންމެ ފަގީރު ސަރަހައްދެކެވެ. އެ ސްޓޭޓުގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ މުސްލިމުންނަކީ އެ ގައުމުގެ މީހުން ކަމަށް މިއަންމާ ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.