03 ސެޕްޓެމްބަރ 2017 - 21:56

ރާއްޖޭގެ ފަނޑިޔާރުން އަމަލުކުރައްވާ ގޮތަށް ބަލާއިރު ކޯޓުތަކަކީ ވެރިކަން ކުރާ ފަރާތް ދަމަހައްޓަން ތިބި ބައެއްގެ ގޮތަށް މިހާރު ބެލެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރަން ގާނޫނީ ވަކީލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކު ފަނޑިޔާރުގެތަކުގައި "ތާށިވެފައި" ތިބިއިރު އެކަމަށް އިންސާފު ލިބޭނެ ކަމަށް ގަބޫލްކުރާ ރައްޔިތަކު ނެތް ކަމަށެވެ.
"ގިނަ އަދަދެއްގެ ރައްޔިތުންނަކަށް މިއަދު ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވަކި ފަރާތަކަށް ނުޖެހި، ވަކި މީހަކަށް ނުބަލާ، ހަމަހަމަކަމާ އެކު އިންސާފް ގާއިމްކުރެވޭ ކަމަކަށް،،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުގެ އިތުރުން، މައްސަލަތައް ތަހުގީގުކޮށް އަދި ދައުވާ ކުރަން ތިބި ފަރާތްތަކަށް ވެސް ގަބޫލްކުރެވެނީ ތަބާވާން ޖެހެނީ ރައީސްޖުމްހޫރިއްޔާއަށް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުތަކާއި ތަންތަނުގައި ތިއްބެވި ބޭފުޅުން މި ގަބޫލްފުޅުކުރައްވަނީ ތިމަންނާމެން ދެމިއޮތުމާއި، ތިމަންނާމެން ކުރިއަށް ދިއުމާއި، ތިމަންނާމެން ވަޒީފާގައި ތިބުމާއި ނުތިބުން، އަދި ތިމަންނާމެންގެ ރިޒުގު ލިބުން އޮތީ ގުޅިފައޭ [ރައީސުލްޖުމްހޫރިއްޔާއާ]"، މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް ވިދާޅުވި އެވެ.
"އެހެންވީމަ ތިމަންނާ އެބަ ޖެހޭ ސަރުކާރުން ހުށައަޅާ ގޮތަށް ކަންކަން ކުރަން. [އެކަމަކު] އެއީއެއް ނޫން ގާނޫނުއަސާސީ އާއި ގާނޫނުގެ ތެރެއިން ކޯޓްތަކަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ."
ޖަމީލް ސިފަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ކުރިން ދުވަހަކު ވެސް ގޮސްފައިނުވާ ހިތާމަވެރި ހިސާބެއްގަ އެވެ.
ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ރާއްޖޭގެ 50 އަށް ވުރެ ގިނަ ގާނޫނީ ވަކީލުން މިދިއަ ބުދަދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.