11 ސެޕްޓެމްބަރ 2017 - 21:24

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ، ރޮހިންޖާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމުގެ އިތުރުން އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިތުރު ހަރަކާތްތަކެއް ވެސް ހިންގާނެ ކަމަށެވެ.
މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ބަންގްލަދޭޝަށް ވެސް ހިޖުރަކުރަމުންދާއިރު އެ މީހުންނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ.
އެގޮތުން ރާއްޖެ ޓީވީން ކުރިއަށްގެންދިޔަ ޓެލެތޯނަށް ވެސް 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އެ ސްޓޭޝަނާ ގުޅިގެން އެކި ކައުންސިލްތަކުން ވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓައިފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ވެސް އެކި ކުންފުނިތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހަރަކާތްތައް ހިންގަމުންނެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފަ އެވެ.