19 މެއި 2016 - 14:37

ސަލްމާން ހާން ޕްރޮޑިއުސް ކުރި "ހީރޯ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި އާތިޔާ ޝެޓީ އެ ފިލްމަށް ފަހު އިތުރު ފިލްމަކުން އަދި ނުފެނެ އެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ސުނިލް ޝެޓީގެ އަންހެން ދަރިފުޅު މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމަށް ތައްޔާރުވަމުންނެވެ. މި ދުވަސްކޮޅު އާތިޔާ، 23، އަންނަނީ ވަރަށް ބުރަކޮށް، ޓްރޭނިންތަކެއް ހަދައި ހަށިގަނޑު ފިޓް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެ ތައްޔާރީތަކަކީ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމް "ބަދްލާ" އަށް ވާ ތައްޔާރީތަކެކެވެ. އެ ފިލްމަކީ "ބޭންގް ބޭންގް" ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްްޓް ކުރާ ފިލްމެކެވެ.
ކުރިން އަޑުތައް ފެތުރިފައިވާ ގޮތުން "ބަދްލާ" ގައި ސަންޖޭ އާ އެކު ފެނިގެން ދާނީ "ހީރޯޕަންޓީ" އިން ވިދާލި ބަތަލާ ކިރިތީ ސެނަން އެވެ. އެހެން ނަމަވެސް ސުނިލް ޝެޓީ އާއި ސަންޖޭ އާ ދެމެދު އޮންނަ ގާތް ކަމެއްގެ ސަބަބުން ސަންޖޭ ބޭނުން ވަނީ ފިލްމަށް އާތިޔާ ގެންނާށެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބަދްލާ" ގެ ބަތަލާއަކީ ކާކު ކަމެއް އަދި ރަސްމީކޮށް ނުނިންމަ އެވެ. އަދި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ބަތަލާއަކު ފައިނަލް ކުރާނެ އެވެ.
އެކަމަކު ބޮޑަށް ބެލެވޭ ގޮތުން ފިލްމުން ފެނިގެން ދާނީ އާތިޔާ އެވެ. ކިރިތީ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ދިނޭޝް ވިޖަން ޑައިރެކްޓް ކުރާ ފިލްމް "ރާބްތާ" ގަ އެވެ.
އުމުރުން 56 އަހަރުގެ ސަންޖޭ އާ އެކު ޒުވާން ބަތަލާ އަކު "ބަދްލާ" އިން ފެނުނަސް، އެއީ ލޯބީގެ ރޯލެއް ނޫނެވެ.
އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމުގެ ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ޔޫރަޕްގަ އެވެ.