14 ސެޕްޓެމްބަރ 2017 - 12:42

އިސްލާމްއާބާދު (ސެޕްޓެމްބަރު 14) - ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ގެއްލުނު ނަވާޒް ޝަރީފް އާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުން އަންނަ ހަފުތާގައި ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފި އެވެ.
އިސްލާމްއާބާދުގެ އެކައުންޓެބިލިޓީ ކޯޓަށް އަންނަ އަންގާރަ ދުވަހު ހާޒިރުވުމަށް އަންގާފައި ވަނީ ނަވާޒް ޝަރީފުގެ އިތުރުން އެމަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ ހުސައިން އާއި ހަސަން އެވެ. ކޯޓަށް ހާޒިރު ކުރަނީ ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޑޯން ނޫހުން ބުނީ ކޯޓަށް ހާޒިރުކުރަނީ ނަވާޒް ޝަރީފުގެ އާއިލާ އިން ގައުމުން ބޭރުގައި ހިންގާފައިވާ ވިޔަފާރީގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައިގަ އެވެ.
ނަވާޒް ޝަރީފް މަގާމުގައި ހުންނެވުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ޖުލައި މަހު 28 ވަނަ ދުވަހު ކަނޑައެޅީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލާފައިވާ މި މައްސަލަތަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް ނަވާޒް ޝަރީފުގެ އާއިލާގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ވަނީ ކޯޓަށް ބަލައިގަނެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހަވާލުވެފަ އެވެ.