18 ސެޕްޓެމްބަރ 2017 - 06:01

އެޗްޓިސީގެ ސްމާޓްފޯން ވިޔަފާރި ގަންނަން ގޫގުލް މަސައްކަތްކުރާ ވާހަކަ އެބަ ދެކެވެ އެވެ. މިއީ އިންޓަނެޓް ފޯރަމްތަކުގައި ވަރަށް ފޯރިގަދަކޮށް މިހާރު ދެކެވޭ ވާހަކައެކެވެ. ސުވާލަކީ، އެޗްޓީސީގެ ސްމާޓްފޯން ވިޔަފާރި ގަންނަން ގޫގުލް ބޭނުންވެދާނެ ހެއްޔެވެ؟
ގޫގުލް އިން ރާވާ ރޭވުންތަކެއް ނޭނގެ އެވެ. މި މުއާމަލާތާ ބެހޭ ގޮތުން އެނގޭ މީހުން ބުނާ ގޮތުގައި، އެޗްޓީސީއާ އެކު ސީރިއަސް ވާހަކަތަކެއް ގޫގުލް އިން އެބަ ދައްކަ އެވެ. ބޮޑަށް ބެލެވެނީ ސްމާޓްފޯން ވިޔަފާރި ގަތުމަށް މަޝްވަރާކުރަނީ ކަމަށެވެ.
އެޗްޓީސީ އަކީ ގޫގުލް އަށް މުހިންމު ކުންފުންޏަކަށް ވެދާނެ އެވެ. އެޕަލް ކަހަލަ ކުންފުންޏަކަށް ވާން ގޫގުލް އެދޭ ނަމަ، ހާޑްވެއާ ޑިޒައިންކުރާނެ ބަޔަކު ވެސް ކުންފުނީގައި ތިބެންޖެހެ އެވެ.
ގޫގުލް އިން މޮޓޮރޯލާ މޯބިލިޓީ ވެސް ގަތެވެ. ގިނަ ބަޔަކު ހީކުރީ އެއީ ސްމާޓްފޯން އުފައްދަން ގޫގުލް ކުރި ކަމެއް ކަމަށެވެ. އެކަމަކު ހާލަތު ބަދަލުވެގެން ދިޔައީ އެހެން ގޮތަކަށެވެ. ގޫގުލް އިން މޮޓޮރޯލާ ވިއްކާލީ އެވެ. އެހެންކަމުން ގޫގުލްގެ އެ މުއާމަލާތަކީ ސްމާޓްފޯން އުފެއްދުމަށް ނިޔަތްގަނެގެން ކުރި ކަމެއް ނޫންކަން ސާބިތުވެ އެވެ.
މޮޓޮރޯލާގެ ޑިޒައިންތަކަށް ވުރެ އެޗްޓީސީގެ ޑިޒައިންތައް ރީއްޗެވެ. އެޗްޓީސީގެ ފޯނުތަކަށް އެދޭ މީހުން ވެސް ގިނަ އެވެ. ގޫގުލް އިން ވަނީ އެކަން ތަޖުރިބާކޮށްފަ އެވެ. ދެން އޮތް ސުވާލަކީ، ގޫގުލް އަށް ވިކެން އެޗްޓީސީ ބޭނުންވެދާނެ ހެއްޔެވެ؟
އެޗްޓީސީ އަކީ ބަޔަކަށް ވިކެން ބޭނުން ކުންފުންޏެއް ނޫނެވެ. އެކަމަކު ނުވިކި ވާކަށް ވެސް ނެތެވެ. ރީތި ފޯނުތައް އުފައްދާނެ ފައިސާއެއް ކުންފުނީގައި ނެތެވެ.
އެޗްޓިސީ ގަތުމަށްޓަކައި އަސުސް އިން 2015 ގައި ހުށަހެޅި އެވެ. އެ ކަމަށް އެޗްޓީސީ ކުރީ އިންކާރެވެ. އަސުސް އަށް އެޗްޓީސީ ނޫނެކޭ ބުނި ނަމަވެސް، ގޫގުލް އަށް އެ ޖަވާބު ދޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، އެޗްޓީސީ ދެމިއޮތުމަށް ބޭނުންވާ ފައިސާ، ބޭނުން ވަރަކަށް، ބޭނުން ގޮތަކަށް ޚަރަދުކުރެވޭ ފެންވަރުގެ ކުންފުންޏަކަށް ގޫގުލް ވުމެވެ.
މި މުއާމަލާތާ ގުޅޭ ގޮތުން އެކި ދިމަދިމާއިން އިވޭ އަޑުތަކަށް ބަލާއިރު، އެޗްޓީސީ ލިބުމަށް ގޫގުލް އެދެ އެވެ. ބޮޑަށް ބުރަވެވެނީ ގޫގުލްގެ ކުޑައިގެ ދަށަށް އެޗްޓީސީ ވަންނާނެ ކަމަށެވެ.