ފްލެޓް މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް
ފްލެޓް މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓް ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހި، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވަނީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އެކަން ބަލައިދިނުމަށް އެދި މަޖިލީހަށް ޕެޓިޝަން ހުށަހެޅުއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅި އެ ޕެޓިޝަނުގައި މެމްބަރުން އެދިވަޑައިގެންފައި ވަނީ ފްލެޓްތައް ދީފައިވާ ބަޔަކާއި އެކަން ކުރުމުގައި ގެންގުޅެފައިވާ އުސޫލު މަޖިލީހުން ސާފުކޮށްދިނުމަށެވެ.

ޕެޓިޝަނުގައި ބުނީ ފްލެޓް ލިބުނު މީހުންގެ ގޮތުގައި ހައުސިން މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އޭގެ އެންމެ ހައްގުވެރިން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ.

އަދި މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތާ ހިލާފަށް، ފްލެޓް ލިބުުނު މީހުންގެ ނަމާއި އެޑްރެސް އާއްމުކޮށްފައި ނުވުމާއި ފްލެޓް ދިނުމަށް ޝޯޓް ލިސްޓުކޮށްފައިވަނީ ކޮން ބައެއް ކަމާއި އެކަން ކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކަކީ ކޮބައިކަން، އެ ކޮމެޓީއަށް ސާފުވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ޕެޓިޝަނުގައި ބުނީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން އަޅާ ފްލެޓްތަކަކީ އެތަންތަން ހައްގުވާ ފަރާތްތަކަށް، ދެފުށް ފެންނަ ގޮތަކަށް ދޫކުރާ ތަންތަން ކަމުގައި ކަށަވަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއްގައި ބޭއްވުމަށް މެމްބަރުން ވަނީ އެދިވަޑައިގެންފަ އެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުން ސިއްރުކޮށް، ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. މި މައްސަލާގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓް އިއުލާންނުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފްލެޓް ދީފައިވަނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށްތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ހައްގު ނޫން އެއްވެސް މީހަކަށް ފްލެޓް ދީފައި ނޯންނާނެ ކަމަށެވެ.