22 ސެޕްޓެމްބަރ 2017 - 06:30

މި އަހަރު ދެ ފިލްމަކުން ފެނިފައިވާ ކުޅަދާނަ އެކްޓަރު މެޓް ޑެމަން އަނެއްކާ ވެސް ވަރަށް ހާއްސަ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު އޭނާ ސޮއިކޮށްފައި ވަނީ ވަރަށް ނުރައްކާތެރި ޑޮކްޓަރެއްގެ ވާހަކަ ކިޔައިދޭ "ޝާލަޓަން" އަށެވެ.
މި ފިލްމަކީ ޕޮޕް ބްރޯކް 2008 ގައި ނެރުނު ކާމިޔާބު ވާހަކަ "ޝާލަޓަން: އެމެރިކާސް މޮސްޓް ޑޭންޖަރަސް ހަކްސްޓާ، ދަ މޭން ހޫ ޕާސޫޑް ހިމް، އެންޑް ދި އޭޖް އޮފް ފްލިމްފްލަމް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ކިޔައި ދެނީ 1918 ގައި ކެންސަސްގެ ޑޮކްޓަރެއް ކަމަށްވާ ޖޯން އާރް. ބްރިންކްލީ އިންސާނުން ބޭނުންކޮށްގެން އޭނާގެ އަމިއްލަ ހިތްހަމަޖެހުމެއް ކުރާ އާދަޔާހިލާފު ވާހަކަ ކަންތައްތަކެއްގެ ވާހަކަ އެވެ.
މި ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭ އިރު "ޝާލަޓަން" ގެ ސްކްރީންޕްލޭ ލިޔުމުގެ ޒިންމާ ނަގާނީ އޯޝަންސް ތާޓީން (2007) އާއި ޓީވީ ސިލްސިލާ "ބިލިއަންސް" ގެ ރައިޓަރުން ކަމަށްވާ ބްރަޔަން ކޮޕްލްމަން އާއި ޑޭވިޑް ލެވިއެން އެވެ.
"ޗާލަޓަން" ގައި އެކްޓް ކުރުމުގެ އިތުރަށް ފިލްމުގެ އެއް ޕްރޮޑިއުސަރަކީ "މާޝަން" ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ ޑެމަން އެވެ. އޭނާއާ އެކު މި ފިލްމް ޕްރޮޑިއުސް ކުރުމުގައި މިދިޔަ އަހަރު އޮސްކާ އަށް ނޮމިނޭޓްވި "މެންޗެސްޓަ ބައި ދަ ސީ" ގައި ވެސް ޑެމަންއާ އެކު ހިއްސާވި ކިމްބަލީ ސްޓިވާޑް ވެސް ބައިވެރި ވާނެ އެވެ.
ނަމަވެސް "ޗާލަޓަން" ޑައިރެކްޓް ކުރާނެ މީހަކާއި ފިލްމުގެ މަސައްކަތް ފަށާނެ ތާރީގެއް އަދި އިއުލާނެއް ނުކުރެ އެވެ.