21 ސެޕްޓެމްބަރ 2017 - 06:26

ކަންގަނާ ރަނާވަތުގެ އެންމެ ފަހު ފިލްމު "ރަންގޫން" ވަނީ ފެއިލްވެފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އާ ފިލްމު "ސިމްރަން" އަށް ބޮކްސް އޮފީހުގައި ފުދޭ ވަރެއްގެ ރަނގަޅު އާމްދަނީއެއް އަންނަނީ ލިބެމުންނެވެ.
ހަންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ހަފުތާ ބަންދު ނިމުނުއިރު 10.65 ކްރޯޑު (1.6 ބިލިއަން ރުޕީސް) ލިބިފައިވެ އެވެ. އަދި ހޯމަ ދުވަހު ވެސް މި ފިލްމު ބަލަން ފުދޭވަރަކަށް މީހުން ވަދެފައިވެ އެވެ.
މި ފިލްމާ އެއް ދުވަހަކު ނުކުތް ފަރްހާން އަޚްތަރުގެ "ލަކްނޫ ސެންޓްރަލް" އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. އެ ފިލްމަށް ހަފުތާ ބަންދު ނިމުނުއިރު ލިބުނީ 8.42 ކްރޯޑު (84 މިލިއަން ރުޕީސް) އެވެ.
"ސިމްރަން" އަކީ "ބޮމްޝެލް ބެންޑިތު" ސަންދީޕު ކޯރުގެ ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.
ކްރިޓިކްސް ބުނަނީ ފިލްމުގެ ސްޓޯރީލައިން ވަރަށް ބަލިކަށި ކަމަށެވެ. ނަމަވެސް ކަންގަނާގެ ޕާފޯމަންސަށް ފިލްމު ބެލި އެންމެން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.
ފިލްމުގެ ޑައިރެކްޓަރު ހަންސަލް ބުނި ގޮތުގައި ފިލްމަަށް ފާޑުކިޔާ މީހުންގެ ޚިޔާލު މަސްހުނި ވެފައި ވިޔަސް އޭނާ މި ފިލްމާ ދޭތެރޭ ވަރަށް ފަޚުރުވެރިވެ އެވެ. އަދި ފިލްމަށް ލިބޭ ތަރުހީބު ކުޑަވެގެން އޭނާ ސޯޝަލް މީޑިއާ އިން މުޅިން ދުރަށް ދިޔަ ވާހަކަ ވެސް ހަންސަލް ދޮގުކުރި އެވެ.