20 ސެޕްޓެމްބަރ 2017 - 14:45

ދ. ހުޅުދެލި ކައިރި ފަޅަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފެނުނު މީހާގެ އޮތީ ބޮއިލަރު ސޫޓެއް ލައިގެން ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެއީ ކޮން ގައުމެއްގެ ކާކުކަން ވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ކާކުކަން ދެނެގަތުމަށް އެ ހަށިގަނޑުގެ ސާމްޕަލް ނަގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވެފައިވާ ބޭރު މީހުންގެ ހަށިގަނޑު މަދުން ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިން ވެސް ވަނީ ފެނިފަ އެވެ.
ރާއްޖެ އިން ކަނޑުމަތިން ގެއްލިގެން، މި ދުވަސްވަރު އެއްވެސް މީހަކު ހޯދަމުންނެއް ނުދެ އެވެ. އެހެން ނަމަވެސް، ކަނޑުމަތީގެ ހާދިސާއެއްގައި ޖުލައި މަހު އައްޑު އަތޮޅު ޝަންގްރިލާ ކައިރިން މީހަކު ގެއްލިފައި ވެ އެވެ. އަދި ދެ ދުވަހެއް ކުރިން މ. އަތޮޅުގެ ރަށަކުން ވެސް ވަނީ އުމުރުން ދުވަސްވީ މީހަކު ގެއްލިފަ އެވެ.