މޯލްޑިވިއަން އާއި ޕޮލިސް ދެ ވަނަ ބުރާ ގާތަށް
މޯލްޑިވިއަން އާއި ޕޮލިސް ދެ ވަނަ ބުރާ ގާތަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބް މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

މި ދެ ޓީމު ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. ގްރޫޕްގެ އެއް ވަނަ ޓީމު އެނގޭނީ މާދަމާރޭ ކުޅޭ މެޗުންނެވެ. ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

މުބާރާތުގައި އިއްޔެ ހަވީރު މޯލްޑިވިއަން މޮޅުވީ މަލްސަން ސްޕޯޓްސް ކްލަބް އަތުންނެވެ. މި މެޗު އެ ޓީމުން ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، އެ ޓީމުން ސެޓުތައް ގެންދިޔައީ 25-21، 25-10 އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާންގެ މުރާދު ޖީހާން އެވެ.

ޒުވާނުގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ޕޮލިސް މޮޅުވީ އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-06، 25-13 އަދި 25-17 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ސޯދިގު މޫސާ އެވެ.

މި މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕުގައި ހިމެނެނީ މޯލްޑިވިއަން، އެސްޕިރޭޝަނާއި، ޕޮލިސް އަދި މަލްސަން އެވެ. އަދި ދެ ވަނަ ގްރޫޕްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ސީލައިފް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތި ރަށް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ދެ ވަނަ ބުރަށް ކޮންމެ ގްރޫޕަކުން ދެ ޓީމު ދާއިރު، ދެ ވަނަ ބުރުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށްދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ތިން ވަނަ ދާ ޓީމެއް ކަނޑައަޅާނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނައަށްދާ ދެ ޓީމުގެ މެދުގައި ކުޅޭ މެޗުންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ސިފައިން ވާދަކުރާނީ ގުޑީސްއާ އެވެ. އަދި މިރޭ ސީލައިފް ނުކުންނާނީ ވަން އެންޑް އޮންލީ ރީތި ރަށާ ދެކޮޅަށެވެ.