24 ސެޕްޓެމްބަރ 2017 - 06:11

ރަޝިއާ އަންހެނެއްގެ ބަނޑުގައި އެއް ފޫޓުގެ ޓިއުބެއް އޮތްކަން 17 ވަރަކަށް އަހަރު ފަހުން އެނގިއްޖެ އެވެ. މިއީ އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައި ޑޮކްޓަރުންގެ އަތުން ބަނޑުތެރެއަށް ދޫވެފައި އޮތް އެއްޗެކެވެ.
މި ރަބަރު ހޮޅިއަކީ އަންހެންމީހާއަށް 2000 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދިން އިރު ކާން ދޭން ބަނޑަށް ލެއްވި ހޮޅިއެކެވެ. ނަމަވެސް އޭނާގެ ބަލި ފަސޭހަވެގެން ހޮޅި ނެގި ޑޮކްޓަރަށް ހަނދާން ނެތިގެން ހޮޅީގެ އެއްބައި ނުނެގި ބަނޑުތެރޭގައި އޮތީ އެވެ. މި ހޮޅި މިހާ ގިނަ ދުވަހު ބަނޑުތެރޭގައި އޮތް އިރު ވެސް ބަލިމީހާ އަކަށް އުނދަގުލެއް ނުވެ އެވެ.
މި ހޮޅި އިންކަން އެނގުނީ ޗެކަޕެއް ހަދަން ހޮސްޕިޓަލަށް ގެންގޮސް ބަލަނިކޮށެވެ.
މި މީހާގެ ހަށިގަނޑު ޓެސްޓްކުރުމުގެ ތެރޭގައި ޑޮކްޓަރުންނަށް ވަނީ ގޮހޮރު ކައިރީގައި "ގޮތް ނޭނގޭ ކަޅުކުލައިގެ އެއްޗެއް" އޮތްކަން ފާހަގަކުރެވިފަ އެވެ.
ސެންޓްރަލް ޔޫރަޕިއަން ނިއުސް އާ ވާހަކަ ދައްކަމުން ހޮސްޕިޓަލުގެ ތަރުޖަމާނު ބުނި ގޮތުގައި ސްޓްރޯކް ޖެހުމަށްފަހު އެމީހާ ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލީ އެވެ. އަދި އެއްވެސް މީހަކަށް މިފަދަ ކަމެއް ހިނގައިފައިވާ ކަމެއް ހަނދާނަކު ވެސް ނެތެވެ.
އަންހެންމީހާ ވެސް ބުނި ގޮތުގައި އޭނާއަކަށް ވެސް ބަނޑުގައި ހޮޅިއެއް އޮތް ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އަދި އޭތި އޮތުމަކުން އެއްވެސް ކަހަލަ އުނދަގުލެއް ވެސް ނުވެ އެވެ.
މިހާރު ހޮސްޕިޓަލުން ވަނީ އޮޕަރޭޝަންކޮށްގެން އެ ހޮޅި ނަގައިފަ އެވެ. އަދި އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.