01 ޖުލައި 2016 - 11:40

އެނިމޭޓެޑް ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް މިއީ އުފާވެރިކަން ގެނުވައި ދޭނެ ފިލްމެކެވެ.
"ޝްރެކް" ފަދަ މަގުބޫލް އެނިމޭޓެޑް ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑްރީމްވާކްސް އެނިމޭޝަންގެ ފިލްމް "ޓްރޯލްސް" ގެ ފުރަތަމަ ޓްރެއިލާ މިހާރު މި ވަނީ އާންމުކޮށްފަ އެވެ.
ލޯބިލޯބި އަދި ކުލަގަދަ ކެރެކްޓާތަކެއް ހިމެނޭ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ ހަތަރެއްގަ އެވެ.
"ޓްރޯލްސް" ގެ ލީޑް ދެ ކެރެކްޓާ އަށް އަޑު އަޅާ ދީފައިވާ ތަރިންގެ ތެރޭގައި ޖަސްޓިން ޓިމްބަލޭކް (ބްރާންޗް) އަނާ ކެންޑްރިކް (ޕޮޕީ) ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރަން ރަސަލް ބްރޭންޑް ކްރީކްގެ ކެރެކްޓާ އަށް އަޑު އަޅައި ދީފައިވާ އިރު، ބިގީގެ ކެރެކްޓާ އަށް އަޑު އަޅައިފައި ވަނީ ޖޭމްސް ކޯޑެން އެވެ. ޒޫއީ ޑޭޝްޗެނަލްގެ އަޑު އިވިގެން ދާނީ ބްރިޖެޓްގެ ކެރެކްޓާއިންނެވެ. އަދި ޑީޖޭ ސްކީގެ އަޑަކީ ގްވެން ސްޓެފެނީ އެވެ.
"ޓްރޯލްސް" ގައި ހިމެނޭ ލަވަ "ޓްރޫ ކަލާޒް" ގެ މިއުޒިކް ޖަސްޓިން ތައްޔާރުކޮށްފައިވާ އިރު އެ ލަވައިގެ އަޑުގެ ވެރިންނަކީ ޖަސްޓިން އާއި އަނާ އެވެ. އެ ދެ މީހުން ވަނީ މި ލަވަ މިދިޔަ މެއި މަހު ބޭއްވި ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ހުށަހަޅައި ދީފަ އެވެ.
މީގެ އިތުރުން މީގައި ހިމެނޭ އަނެއް ލަވަ "ކާންޓް ސްޓޮޕް ދަ ފީލިން" އަކީ ވެސް ޖަސްޓިންގެ އުފެއްދުމެވެ.
"ޓްރޯލްސް ކަހަލަ ފިލްމަކަށް މި ވަރުގެ މަސައްކަތެއް ކުރަން ލިބިމުން ވަރަށް ހިތްހަމަޖެހިފައި މިހިރީ. އަހަރެން ބުނާނީ ކެރެކްޓާތަކާ ވަރަށް ގުޅޭ ކަހަލަ މިއުޒިކެކޭ ފިލްމުން އަޑު އިވިގެން ދާނީ،" އޭނާ ބުންޏެވެ.
ޓްވިންޓިއެތު ސެންޗަރީ ފޮކްސް އިން ޑިސްޓްރިބިއުޓް ކުރާ "ޓްރޯލްސް" ޑައިރެކްޓްކޮށްފައި ވަނީ މައިކް މިޝެލް އާއި ވޯލްޓް ޑޯން އެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ ތޯމަސް ޑޭމް ލިޔެފައިވާ "ޓްރޯލް ޑޯލްސް" އަށެވެ.