26 ސެޕްޓެމްބަރ 2017 - 13:58

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މަގާމުގެ ކުރިއެރުން ދިންކަން އަންގައި އެ މުވައްޒަފުންނާ ހަވާލު ކުރި ޗިޓު ބާތިލު ކޮށްފައިވާކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
މަޖިލީހުގެ 131 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީ، މި މަހުގެ މުސާރަ ބޮޑުވާނެ ކަން އެންގިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މަޖިލީހުގެ މުވައްޒަފުންނަށް ބޮޑު ކުރި މުސާރަ ނުދޭން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ މަޖިލީހުގެ އިދާރާ އަށް އަންގައި ބޮޑު ކުރި މުސާރަ ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް (އެޗްއާރު) އިން މިހާރު ވަނީ މުވައްޒަފުންނާ ހަވާލު ކުރި ޗިޓް އަނބުރާ މަޖިލީހުގެ އިދާރާ އަށް ރައްދު ކުރުމަށް އަންގައިފަ އެވެ.
މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލާ ގުޅިގެން، މުވައްޒަފުންގެ މުސާރަ ބޮޑުވީ 1000ރ. އާއި 5000ރ. އާ ދެމެދުގެ މިންވަރެކެވެ. މުސާރަ ބޮޑު ނުވި ތިން މުވައްޒަފުންނަކީ ނޯ ޕޭ ލީވްގައި ތިބި މުވައްޒަފުންނެވެ.
ބޮޑު ކުރި މުސާރަ ނުދޭން ފިނޭންސުން އެންގީ، ބޮޑުކުރި މުސާރައާ އެއްގޮތަށް މުސާރައިގެ ޝީޓު ހަދައި ފިނޭންސް މިނިސްޓްރީ އަށް މަޖިލީހުގެ އިދާރާ އިން ފޮނުވުމުންނެވެ. ނަމަވެސް ފިނޭންސުން އެންގީ ކުރިން ދެމުން އައި މުސާރަ މުވައްޒަފުންނަށް ދިނުމަށެވެ.
މުޅިއެކު 12 ސެކްޝަނަކަށް ބަހާފައި އޮންނަ މަޖިލީހުގެ އިދާރާގައި މުސާރަ ބޮޑުވި ބައެއް މުވައްޒަފުންގެ ތެރޭގައި ވަރަށް ފަހުން ޑިގްރީ ހާސިލްކޮށްފައިވާ މީހުން ހިމެނެ އެވެ. އަދި ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލު ކުރި މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ.
ބޮޑުކުރި މުސާރަ ނުދޭން ފިނޭންސުން އެންގީ ކީއްވެކަން އަދި ސާފެއް ނުވެ އެވެ.