28 ސެޕްޓެމްބަރ 2017 - 06:12

ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީގެ ޖޯޑަށް ޑިމާންޑް ބޮޑެވެ. ދޭވްދާސް އަދި މުހައްބަތޭންގައި މި ދެ ތަރިން ދައްކާފައިވާ ކެމިސްޓްރީގެ ސަބަބުން ގިނަ ބަޔަކު އަދިވެސް މި ދެ އެކްޓަރުންގެ ފިލްމުތަކަށް އިންތިޒާރު ކުރެ އެވެ.
"އޭ ދިލް ހެ މުޝްކިލް" ގައި އައިޝްވަރިޔާ އާއި ޝާހްރުކް ފެނުނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ފިލްމު ބެލި ގިނަ މީހުންނަށް ފިލްމުގެ އެންމެ މަގްބޫލު މަންޒަރަކަށް ވެފައިވަނީ އެ ދެ ތަރިން ކުޅުނު މަންޒަރެވެ.
"އޭ ދިލް ހެ މުޝްކިލް" ރިލީޒްވީ ފަހުން ޝާހްރުކާއި އައިޝްވަރިޔާގެ މަގްބޫލުކަން އަނެއްކާވެސް އިތުރުވެފައިވާ ކަމުގެ ހެއްކަކީ އެ ދެ ތަރިންނަށް އެކުގައި ކުޅެން ލިބެމުންދާ ފުރުސަތު ތަކެވެ. "އޭ ދިލް ހެ މުޝްކިލް" ރިލީޒްވި ފަހުން ފާއިތުވީ ދުވަސްތަކުގައި ތިން ފިލްމެއް މި ދެ ތަރިންނަށް އެކުގައި ކުޅެން ލިބިފައިވެ އެވެ. ނަމަވެސް އެއްވެސް ފިލްމަކަށް ޝާހްރުކާއި އައިޝްވަރިޔާ އެއްބަހެއް ނުވެ އެވެ.
އެހެންވެ ކުރިން މި ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަން އަނެއްކާވެސް އެނބުރި އައީތޯ ގިނަ ބަޔަކު ސުވާލު ކުރަން ފެށި އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ބޭއްވި ވޯގް ވިމެން އޮފް ދަ އިޔާ އެވޯޑުން މި ދެ ތަރިން އެކުގައި ވަރަށް އެކުވެރިކަމާ އެކު ވާހަކަ ދައްކާ އުޅުނު ތަން ފެނިފައި ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނޫޅޭކަން ޔަގީން ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
އެމީހުންނަށް އެކުގައި ކުޅެން ލިބުނު ފިލްމުތަކަަށް ޝާހްރުކާއި އައިޝްވަރިޔާ ނޫނެކޭ ބުނީ އެ ފިލްމުތައް އެމީހުން ހިތްހަމަޖެހޭ ފެންވަރަކަށް ނެތީމަ އެވެ. ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ މި ދެ ތަރިން އެކުގައި ފިލްމު ކުޅެން ތައްޔާރުކަމަށް ވެސް އެމީހުންގެ ގާތް މީހަކު ބުނެފައިވެ އެވެ.
ޝާހްރުކް މިހާރު މަސައްކަތް ކުރަނީ އާނަންދް އެލް. ރާއީގެ ފިލްމެއްގަ އެވެ. އަދި ނަމެއް ހަމަނުޖެހޭ މި ފިލްމުގެ ބަތަލާއިންނަކީ ކެޓުރީނާ ކައިފް އާއި އަނުޝްކާ ޝަރުމާ އެވެ. އައިޝްވަރިޔާ މި ވަގުތު ސޮއިކޮށްފައި ވަނީ އެންމެ ފިލްމެއްގަ އެވެ. އެއީ ރާޖްކުމާރު ރާއޯ އާއި އަނިލް ކަޕޫރާ އެކު ކުޅެން ހަމަޖެހިފައިވާ "ފެނީ ޚާން" އެވެ.