އެމްބްރިޔޯތަކެއްގެ ޑީއެންއޭ އެޑިޓްކޮށް ތެލެސީމިއާ ނައްތާލައިފި
އެމްބްރިޔޯތަކެއްގެ ޑީއެންއޭ އެޑިޓްކޮށް ތެލެސީމިއާ ނައްތާލައިފި

ޚާއްސަ "ކެމިކަލް ސާޖަރީ"އެއް ހަދައިގެން އިންސާނާގެ އެމްބްރިޔޯތަކަކުން ބީޓާ-ތެލެސީމިއާ ނައްތާލެވިފައިވާ ކަމަށް ޗައިނާގެ ސައިންސްވެރިންތަކެއް ބުނެފި އެވެ.

ދުނިޔޭގައި އަލަށް ހެދި މި ޕްރޮސީޖާގައި ސަން ޔެޓް-ސެން ޔުނިވާސިޓީގެ ޓީމުން ބޭނުންކޮށްފައިވަނީ "ބޭސް އެޑިޓިން"ގެ ނަން ދީފައިވާ ޓެކްނީކެކެވެ. އެއާ އެކު އެ ރިސާޗަރުން ވަނީ އިންސާނާގެ ޖެނެޓިކް ކޯޑުގައި ހިމެނޭ ތިން ބިލިއަން "އަކުރު"ގެ ތެރެއިން ފާހަގަކުރެވުނު އެންމެ ގޯހެއް ރަނގަޅުކޮށްފަ އެވެ.

ލެބޯޓްރީގައި އުފެއްދި އެމްބްރިޔޯތަކަކުން ބީޓާ ތެެލެސީމިއާ ނައްތާލި ޓީމުގެ ރިސާޗަރުންގެ ތެރެއިން ޖުންޖިއު ހުއާންގް ބީބީސީ އަށް ކިޔައިދިން ގޮތުގައި "ބޭސް އެޑިޓާ" އުސޫލު ބޭނުންކޮށްގެން، ވާރުތަކުރާ ބަލިތައް އިންސާނާގެ އެމްބްރިޔޯ އިން ނައްތާލެވިދާނެކަން އެންމެ ފުރަތަމަ މި ހޯދީ އެ މީހުންނެވެ.

މިއީ، މަރުވުމުގެ ފުރުސަތު ބޮޑު ބީޓާ-ތެލެސީމިއާއާ އެކު ކުދިން އުފަންވުން ހުއްޓުވުމަށާއި އެ ހާލަތުގައި އުޅޭ މީހުންނަށް ފަރުވާދިނުމަށް އިތުރު ދޮރުތަކެއް ހުޅުވައިދޭނެ ދިރާސާއެއް ކަމަށް ވެސް އެ ޓީމުން ބުންޏެވެ. އަދި މައިންބަފައިންގެ ފަރާތުން ވާރުތަކުރާ އެހެނިހެން ބަލިތަކުގެ ފަރުވާ އަށް ވެސް މި ހޯދުން އެހީވެދޭނެ ކަމަށް އެ ސައިންސްވެރިން ދެކެ އެވެ.

މި ދިރާސާގައި އެކްސްޕެރިމެންޓްތައް ހަދާފައިވަނީ ބީޓާ ތެލެސީމިއާ ހުންނަ މީހެއްގެ ޓިޝޫ އާއި ކްލޯންކޮށްގެން ހަދާފައިވާ އެމްބްރިޔޯތަކެއްގަ އެވެ. ތެލެސީމިއާ ނައްތާލެވުނު ނަމަވެސް އެ އެމްބްރިޔޯތައް އިމްޕްލާންޓްކޮށްފައެއް ނުވެ އެވެ.

ބީބީސީ އިން ފާހަގަކުރާ ގޮތުގައި، "ޕްރޮޓީން އެންޑް ސެލް"ގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ އިންސާނާގެ ޑީއެންއޭ އަށް ބަދަލު ގެނައުމުގައި ސައިންސްވެރިންގެ ގާބިލްކަން އިތުރުވަމުންދާ ކަމުގެ އެންމެ ފަހުގެ މިސާލެވެ. އެއީ ބަލިތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަންކަމާ ބެހޭގޮތުން ވަރަށް ބޮޑު ބަހުސެއް އުފެދިފައިވާ މައްސަލައެލެވެ.

ބީބީސީ އިން ބުނީ ޗައިނާގެ ސައިންސްވެރިންގެ އެކްސްޕެރިމެންޓް އެހާ އަވަހަށް ބޭސްފަރުވާއާ ހިސާބަށް ހިނގައިދާނެ ކަމަކަށް ބައެއް މާހިރުން ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި އޭގެ ކުރިން، މިއީ އަޚުލާގީގޮތުން ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ވަރަށް ބޮޑަށް ބަހުސްކުރަން ޖެހޭ ކަމަށާއި މި ކަމާ ގުޅޭ ގަވާއިދުތައް ވެސް ހަދަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ތެލެސީމިއާ ހުންނަ އެތައް މިލިއަން ބަޔަކު ދުނިޔޭގައި އުޅޭ އިރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެފަދަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ރާއްޖޭގެ އާބާދީގެ 16.2 ޕަސެންޓަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ.