01 އޮކްޓޯބަރ 2017 - 13:20

ކޮލަމްބޯ (އޮކްޓޯބަރު 1) - ލަންކާގައި ތިބި ރޮހިންޖާ ރެފިއުޖީންނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޮލަމްބޯ ކްރައިމްސް ޑިވިޝަނުން ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ޕުޖީތު ޖަޔަސަންދަރަ ވިދާޅުވީ ރޮހިންޖާ މީހުންނަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި އަށް މީހަކު ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ފާހަގަކުރީ ވީޑިއޯ ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ކުރިން ވިދާޅުވެފައި ވަނީ ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދިނުމުގައި އިހުމާލުވި ސަލާމަތީ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ލަންކާގެ ބުޑިސްޓް ހާމުރުދުން ހަމަލާ ދިން ރެފިއުޖީ 31 މީހުންގެ ތެރޭގައި 16 ކުޑަ ކުދިންނާއި ހަތް އަންހެނުން ހިމެނެ އެވެ.
ލަންކާގެ ބުޑިސްޓް ހާމުދުރުންނާއި މިއަންމާގެ ހައްދުފަހަނަޅާފައިވާ ބުޑިސްޓުންނާ ގުޅުން އޮވެ އެވެ.
ރޮހިންޖާ ރެފިއުޖީންނަކީ މީގެ ފަސް މަސް ދުވަސް ކުރިން ލަންކާ ސިފައިން ކަނޑުމަތިން ސަލާމަތްކޮށްގެން ގެންދިޔަ ބައެކެވެ. ލަންކާގައި ތިބި ރޮހިންޖާ ރެފިއުޖީންނަށް ދިން ހަމަލާ އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.