02 އޮކްޓޯބަރ 2017 - 15:49

ލަސް ވެގަސް (އޮކްޓޯބަރު 2) - އެމެރިކާގެ ލަސް ވެގަސްގައި ކޮންސެޓެއް ކުރިއަށް ދަނިކޮށް ބަޑިން ދިން ހަމަލާތަކެއްގައި 50 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
މަންޑަލަ ބޭ ހޮޓަލުގެ އޯޕަން-އެއާ މިއުޒިކް ފެސްޓިވަލް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާ ދޭން ފަށާފައި ވަނީ އެ ހޮޓަލުގެ 32 ވަނަ ބުރިންނެވެ. ބަޑި ޖަހަން ފެށުމާ އެކު އެތައް ބަޔަކު ވަނީ ކޮންސެޓް ދޫކޮށް ފިލަން ދުވެފަ އެވެ. ފުލުހުން ބުނީ ހަމަލާ ދިން މީހާ މަރާލާފައިވާ ކަމަށެވެ. އަދި މިއީ އެކަކު ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުން މިހާރު ދަނީ އޭޝިއާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ މަރިލޫ ޑަނެލީ ނަމަކަށް ކިޔާ މީހަކު ހޯދަމުން ކަމަށް ބުނެފައިވެ އެވެ.
ލަސް ވެގަސްގެ ހޮސްޕިޓަލެއްގެ ތަރުޖަމާނަކު ކުރިން ބުނީ ޒަޚަމްވި މީހުންގެ ތެރޭން 14 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
ބަޑީގެ ހަމަލާގެ ރިޕޯޓް ލިބެން ފެށުމާ އެކު ލަސް ވެގަސް އަށް ދަތުރުކުރި ބައެއް ފްލައިޓްތައް ވަނީ ޑައިވާޓްކޮށްފަ އެވެ.