04 އޮކްޓޯބަރ 2017 - 06:14

ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެވެ. ޑިސެމްބަރު 1 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މަޑުމަޑުން ފިލްމުގެ އިޝްތިހާރުތައް ވަނީ ނުކުންނަން ފަށާފަ އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަނީ އެ ފިލްމުގެ މައިގަނޑު އެއް ކެރެކްޓާ ޕަދްމާވަތީގެ ރޯލު ކުޅޭ ދީޕިކާ ޕަދުކޯން ފިލްމުގައި ހުންނަ ސިފަ އެވެ. ދެ ވަނަ އަށް ޝާހިދު ކަޕޫރުގެ ކެރެކްޓާ ދައްކާލި އެވެ. އެންމެ ފަހުން އަންގާރަ ދުވަހު ރިލީޒްކޮށްފައިވަނީ ރަންވީރު ސިންގްގެ ކެރެކްޓާގެ ސިފަ އެވެ.
ރަންވީރު މި ފިލްމުގައި ކުޅެނީ އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލެވެ. ރަންވީރުގެ ޕޯސްޓަރު ރިލީޒްވުމާއެކު އޭނާ މި ރޯލަށް ވަރަށް ފިޓްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ރަންވީރަށް ތައުރީފުކުރާ މީހުން ވެސް ވަނީ އިތުރުވެފަ އެވެ. އަދި މި ކެރެކްޓާ ވެގެން ދާނީ މިހާތަނަށް ހިންދީ ފިލްމަކުން ފެނިފައިނުވާ ވަރުގެ ވަރުގަދަ ބިރުވެރި ކެރެކްޓާއަކަށް ކަމަށާއި ފިލްމު ބަލާ މީހުންގެ ހިތުގައި މި ކެރެކްޓާ ޒަމާންތަކަކަށް ބިންވަޅު ނެގިފައި ހުންނާނެ ކަމަށް ވެސް ވަރަށް ގިނަ މީހުން އެއްބަސްވެ އެވެ.
ރަންވީރު އެންމެ ފަހުން އިވެންޓަކުން ފެނުނުއިރު ހުރީ ޚިލްޖީގެ ރޯލަށް ދިގުކުރި ތުނބުޅި މަތިމަސް ބާލައިފަ އެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާ ޝޫޓް ކުރަމުން އަންނަނީ އަލާއުއްދީން ޚިލްޖީގެ ވަރަށް ޅައިރުގެ މަންޒަރުތަކަކަށް ވާތީ ތުނބުޅި މަތިމަސް ބާލަން ޖެހުނީ އެވެ. އަދި ފިލްމުގެ ޝޫޓިންއާ އެކު ޑަބް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ރަންވީރު ބުނީ "ޕަދްމާވަތީ" ރިލީޒްކުރުން ފަސްކޮށްފި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ ޑިސެމްބަރު 1 ގައި ފިލްމު ރިލީޒްކުރާނެ ކަމަށެވެ.