04 އޮކްޓޯބަރ 2017 - 11:43

ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 4) - ނަޕޯލީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ހަދާފައިވާ ރެކޯޑާ ހަމަކުރުމަކީ ލިބޭނެ ޝަރަފެއް ކަމަށް ނަޕޯލީގެ ކެޕްޓަން ސްލޮވާކިއާގެ މިޑްފީލްޑަރު މަރެކް ހަމްސިކް ބުނެފި އެވެ.

މަރަޑޯނާ ވަނީ 1984 އިން 1991 އަށް ނަޕޯލީ އަށް ކުޅުނުއިރު އެ ޓީމަށް 115 ލަނޑު ޖަހައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކަލިއާރީ އަތުން 3-0 އިން ނަޕޯލީ މޮޅުވި މެޗުގައި ހަމްސިކް ޖެހި ލަނޑަކީ އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން 114 ވަނަ ލަނޑެވެ.
"މި ކްލަބަށް އައިއިރު މިއީ އަހަރެން އުއްމީދުކުރި ކަމެއް ނޫން. މަރަޑޯނާގެ ރެކޯޑް އަތްފޯރާ ހިސާބުގައި މިއޮތީ. މި ހިސާބުން އަހަރެން ވަރަށް އުއްމީދު އެބައޮތް އެ ރެކޯޑަށް. މިއީ އަހަރެންގެ ކެރިއަރުގައި ހާއްސަވާނެ ކަމެއް،" އުމުރުން 30 އަހަރުގެ ހަމްސިކް ބުންޏެވެ.
މިއީ ހަމްސިކް ނަަޕޯލީ އަށް ކުޅޭ 11 ވަނަ އަހަރެވެ. ހަމްސިކް ވަނީ އެ ޓީމާ އެކު މިހާތަނަށް އިޓަލިއަން ކަޕް ދެ ފަހަރު އަދި އިޓަލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ނަޕޯލީން މި ސީޒަން ފެށީ ވަރުގަދަ ކޮށެވެ. ކުޅުނު ހަތް މެޗުން ވެސް އެ ޓީމު އޮތީ ލީގުގެ އެއް ވަނައިގަ އެވެ.
"އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޓީމުގެ ކާމިޔާބީ އަށް. އޭގެ ފަހުން އަހަރެން އަމިއްލަ ކާމިޔާބީ އަށް ވިސްނަނީ. ނަޕޯލީއާ އެކު އިޓަލިއަން ލީގު ކާމިޔާބު ކުރުމަކީ އަހަރެންގެ އެންމެ ބޮޑު އަމާޒު،" ހަމްސިކް ބުންޏެވެ.
ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ކުޅެން ފަސޭހަ ކަމަށާއި މި އަހަރަކީ ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ހަމްސިކް ވަނީ ބުނެފަ އެވެ.