04 އޮކްޓޯބަރ 2017 - 13:40

ރަކީން ސްޓޭޓް (އޮކްޓޯބަރު 4) - ދެ މިލިއަން ގުޅަ ޑްރަގާ އެކު މިއަންމާ ސިފައިންގެ ދެ މީހަކު ރަކީން ސްޓޭޓުން އަތުލައިގެންފި އެވެ.
މިއަންމާ ފުލުހުން ބުނީ ސިފައިންގެ އަތުން އަތުލައިގަތް ޑްރަގުގެ އަގު 2.8 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. މިއަންމާގެ އެންޓި-ޑްރަގު އޮފިސަރަކު ބުނީ ރަކީންގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގި މައުންގްޑޯ އިން ޑްރަގު އަތުލައިގަތީ އަސްކަރީ ވެހިކަލެއްގެ ތެރޭން ކަމަށެވެ.
މިއަންމާގެ ހުޅަނގު ބޯޑަރު ޒޯނަކީ ގިނަ އަދަދަކަށް ޑްރަގު ސަޕްލައި ކުރާ ސަރަހައްދެކެވެ. އެ ހިސާބުން ޑްރަގު ގިނައިން ގެންދަނީ ބަންގްލަދޭޝް އަށެވެ. ޑްރަގު ވިޔަފާރި ކޮށްގެން މިއަންމާ ސިފައިންގެ ބައެއް މީހުން ބޮޑެތި މުއްސަނދިންނަށްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބަންގްލަދޭޝް ސިފައިން ވެސް ވަނީ ކޮކްސް ބާޒާރު ސަރަހައްދުން އެތައް މިލިއަން ޑްރަގު ގުޅަ ހިފަހައްޓައިފަ އެވެ. މިދިޔަ ހަފުތާގައި ވެސް ވަނީ ރޮހިންޖާ މީހަކު 800،000 ގުޅަ ޑްރަގާ އެކު ބަންގްލަދޭޝް އަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފަ އެވެ.
ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް އޮގަސްޓް މަހު ފެށުމުން ގިނަ އަދަދެއްގެ ސިފައިން އެ ސްޓޭޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ އޮޕަރޭޝަނާ ގުޅިގެން ބައި މިލިއަނަށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.