ސްޕެއިން ވޯލްޑް ކަޕަށް، ޕީކޭ އަށް ނުރުހުމުގެ ބަސްތައް!
ސްޕެއިން ވޯލްޑް ކަޕަށް، ޕީކޭ އަށް ނުރުހުމުގެ ބަސްތައް!

އަލިކާންޓޭ، ސްޕެއިން (އޮކްޓޯބަރު 7) – ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއާ ސްޕެއިނުގެ ސަޕޯޓަރުން ދިމާކުރި މެޗުގައި ރޭ އަލްބޭނިއާ އަތުން 3-0 އިން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕުން ސްޕެއިން ޖާގަ ހޯދައިފި އެވެ.

ބާކީ އެއް މެޗު އޮއްވާ ސްޕެއިން ކޮލިފައިވީ 25 ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއް ވަނަ ހޯދައިގެންނެވެ. މާނައަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ އަށް ވޯލްޑް ކަޕުން ފުރުސަތު ލިބެން އޮތީ ޕްލޭއޮފް ކުޅެގެންނެވެ.

ރޭ އަމިއްލަ ދަނޑުގައި މެސެޑޯނިއާއާ 1-1 އިން އެއްވަރުވި އިޓަލީ 20 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެ ޓީމަށް، ޕްލޭއޮފުން ފުރުސަތު ކަށަވަރުވާނީ އަދި އެއް ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް ދެން އޮތީ ހޯމަ ދުވަހުގެރޭ ރަށުން ބޭރުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެކަމަކު ގްރޫޕް އެޗް ގައި މިރޭ ބޮސްނިއާ އަށް ބެލްޖިއަމް ބަލިނުކުރެވިއްޖެ ނަމަ ވެސް އިޓަލީ އަށް ޕްލޭއޮފުން ފުރުސަތު ކަށަވަރުވާނެ އެވެ. ޕްލޭއޮފުން ފުރުސަތު ލިބެނީ ނުވަ ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށެވެ.

މެޗުގެ 40 ވަނަ މިނެޓުގައި ޖިއޯޖިއޯ ކިއެލީނީގެ ލަނޑުން އިޓަލީ ލީޑު ނަގާފައިވަނިކޮށް މެސެޑޯނިއާ އިން އެއްވަރުކުރީ 77 ވަނަ މިނެޓުގަ އެވެ.

އަމިއްލަ ދަނޑުގައި އަލްބޭނިއާ އަތުން ސްޕެއިން 3-0 އިން މޮޅުވިއިރު ލަނޑު ޖަހައިދިނީ ރޮޑްރިގޯ އާއި އިސްކޯ އަދި ތިއާގޯ އަލްކަންޓްރާ އެވެ. ތިން ގޯލް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގައި ސްޕެއިން ޑިފެންޑަރު ޕީކޭގެ ފައިގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ސްޕެއިނުގެ ސަޕޯޓަރުންތައް ވަނީ އޭނާއާ ދިމާލަށް ހަޅޭއްލަވައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ، ސްޕެއިނުން ވަކިވެ ކެޓަލޯނިއާގައި ވަކި ދައުލަތެއް ގާއިމްކުރަން މިދިޔަ ހަފުތާގައި ނެގި ވޯޓަށް އޭނާ ތާއީދުކޮށްފައިވާތީ އެވެ. ޕީކޭ ވަނީ އެއީ މައްސަލައަކަށްވާ ނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ސްޕެއިން ޓީމަށް ކުޅުން ހުއްޓާލަން އޭނާ ތައްޔާރު ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑާ ގުޅިގެން ޕީކޭ އަށް ހޯމަ ދުވަހު އިޒްރޭލާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.