ޕީޖީގެ ކާރުގައި ރޯކޮށްލި މައްސަލަ ހާއްސަ ޓީމަކުން ބަލަނީ
ޕީޖީގެ ކާރުގައި ރޯކޮށްލި މައްސަލަ ހާއްސަ ޓީމަކުން ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ރޭ ބަޔަކު ރޯކޮށްލި މައްސަލަ ބެލުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޕީޖީ ބިޝާމަށް ދައުލަތުން ދެއްވާފައިވާ ކާރުކޮޅު ޖަނަވަރީ މަގުގައި ޕާކްކޮށްފައި އޮއްވައި ރޭ މެންދަމު ބަޔަކު އެ ކާރުގައި ރޯކޮށްލުމުން އެ ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ މުހިންމު އެއް ފަރާތް ކަމަށްވާ ޕީޖީގެ ކާރުކޮޅުގައި ރޯކޮށްލުމަކީ ޖިނާއީ އަދުލުގެ ނިޒާމާ މެދު ނުބައި ތަސައްވުރެއް ދިނުމަށް ބަޔަކު ދިން ނުރައްކާތެރިި ހަމަލާއެއް ކަމަށެވެ. އެ މައްސަލަ ބެލުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މި އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ޕީޖީ ބިޝާމް "މިހާރު" އަށް ވިދާޅުވީ އޭނާގެ ކާރުކޮޅުގައި ރޯކޮށްލުމަކީ އޭނާ އަށް ދިން އިންޒާރެއް ކަމަށް ބެލެވޭ ކަމަށެވެ. އާންމުކޮށް އެ ކާރު ޕާކް ކުރަނީ ޕީޖީ އޮފީހުގެ ގަރާޖުގައި ކަމަށް ވިޔަސް ޕީޖީ އޮފީސް ކުރިމަތިން މަޖީދީމަގު މަރާމާތު ކުރަމުންދާތީ އެ ކާރު އާންމު ޕާކިން ޒޯނެއްގައި ބޭއްވީ ކަމަށް ބިޝާމް ވިދާޅުވި އެވެ.