11 އޮކްޓޯބަރ 2017 - 06:06

"ރޭސް 3"ގެ ބަތަލަކަށް ސަލްމާން ޚާން ހަމަޖެހުނު ހިސާބުން ފިލްމުގެ އަޑު ވަނީ ވަރަށް ގަދަވެފަ އެވެ. އަމީތާބު ބައްޗަން ވެސް މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރާނެކަމުގެ ވާހަކަތަކެއް ވެސް ވަރަށް ފަހުން ވަނީ އިވިފަ އެވެ. ނަމަވެސް މިހާރު ވާހަކަ ދެކެވޭ ގޮތުން އަމީތާބު ކުޅެން އޮތް ރޯލު މިހާރު ވަނީ އަދިތުޔާ ޕަންޗޯލީ އަށް ދީފަ އެވެ. މި ޚަބަރާއެކު އަމީތާބާއި ސަލްމާން އާ ފިލްމަކުން ދެކިލާހިތުން ތިބި ގިނަ ބަޔަކަށް ވަނީ މާޔޫސްކަން ލިބިފަ އެވެ.
ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު ފިލްމްފެއާ އަށް ކިޔައިދިން ގޮތުގައި މި ފިލްމަށް އަމީތާބު ވަނީ ނޫނެކޭ ބުނެފަ އެވެ. ސަބަބަކީ ފިލްމުގެ ޝޫޓިން އަށް ކަނޑައަޅާފައިވާ ދުވަސްތަކުގައި އޭނާ އެހެން ފިލްމެއްގެ މަސައްކަތުގައި އުޅެން ޖެހޭތީ އެވެ.
"އަމީތާބު ވަނީ އޮކްޓޯބަރާއި ނޮވެމްބަރު މަސް ފުޓްބޯލް ބައޮޕިކް "ޖަންޑް" އަށް ދީފައި. "ރޭސް 3"ގެ ޝޫޓިން ވެސް ފަށަން ރާވާފައި އޮތީ ހަމަ މި ދުވަސްވަރު. އަމީތާބު އޮތީ މާ ކުރިން "ޖަންޑް"އަށް ތާރީޚްތައް ދީ ނިންމާފައި. އެހެންވެ "ރޭސް 3" އަށް ނޫނެކޭ ބުނަން މަޖްބޫރުވީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.
ނޫސްތަކުގައި ބުނާ ގޮތުން "ރޭސް 3"ގައި ވަރުން ދަވަން ލައްވާ މެހެމާނެއްގެ ރޯލު އަދާކުރުވަން ވެސް ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ބޭނުންވެ އެވެ. އަދި މި ރޯލަށް ވަރުން އާނއެކޭ ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
"ރޭސް 3" އަކީ ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ ފިލްމެކެވެ. ސަލްމާން ބަތަލުގެ ބައި ކުޅޭ މި ފިލްމުގައި ކެޓުރީނާ ކައިފް އާއި ޖެކްލީން ފެނާންޑިސް އަދި ޕޫޖާ ހެގްޅޭ ވެސް މުހިއްމު ރޯލުތަކެއް ކުޅޭ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.