މުބާރާތްތަކުގައި އިޓަލީ އަކީ ތަފާތު ޓީމެއް: ލޯ
މުބާރާތްތަކުގައި އިޓަލީ އަކީ ތަފާތު ޓީމެއް: ލޯ

ބޯޑޯ، ފްރާންސް (ޖުލައި 2) - ވާދަވެރި މުބާރާތްތަކުގައި އިޓަލީ އަކީ އަބަދުވެސް ނަތީޖާ ނެރެން ދަންނަ ތަފާތު މޮޅު ޓީމެއް ކަމަށާއި ޔޫރޯގެ ކުއާޓާ ފައިނަލުގައި މިރޭ އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޖަރުމަނު ވަނީ މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ އެވެ. ކުއާޓާ ފައިނަލުން ޖަރުމަނު ޖާގަހޯދިއިރު ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. ލޯ ބުނީ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު މުޅިން ތަފާތު ކަމަށެވެ.

"މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅޭ މެޗުތަކަކީ ފަސޭހަ މެޗުތަކެއް ކަމަށް ދެކިގެން ނުވާނެ. އެއީ އިދިކޮޅަށް ނުކުންނަ ޓީމު ވެސް އޮންނާނީ ހަމަ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ކޮންމެ ޓީމަކަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް،" ލޯ ބުންޏެވެ.

ވާދަވެރި މުބާރާތެއްގައި ޖަރުމަނަށް އަދި އިޓަލީ ބަލިކުރެވިފައިނުވެ އެވެ. ނަމަވެސް އެންމެ ފަހުން މި ދެ ޓީމު މި އަހަރުގެ މާޗު މަހު ކުޅުނު އެކުވެރި ކަމުގެ މެޗުން ޖަރުމަނު ވަނީ 4-1 އިން މޮޅުވެފަ އެވެ. މިއީ ފާއިތުވި 21 އަހަރު ތެރޭގައި އިޓަލީ އަތުން ޖަރުމަނަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.

"ރަހުމަތްތެރިކަމުގެ މެޗުން އަހަރެމެން މިއޮތީ އިޓަލީ ބަލިކޮށްފައި. އެކަމު އަހަންނަން އިޓަލީ އެނގޭ. އެމީހުންނަކީ މުބާރާތްތަކުގައި ވަރަށް ތަފާތު ޓީމެއް. މުޅި ޓީމު އޮންނާނީ އެއް ރޫހެއްގައި،" ލޯ ބުންޏެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި މި ދެ ޓީމު ވަނީ މިހާތަނަށް އަށް ފަހަރަކު ކުރިމަތިލައިފަ އެވެ. އިޓަލީ ހަތަރު ފަހަރު މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އިޓަލީ 2012 ވަނަ އަަހަރުގެ ޔޫރޯ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޖަރުމަނު ބަލިކޮށްފަ އެވެ.

ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނީ އިޓަލީ އަތުން ޖަރުމަނަށް ވާދަވެރި މުބާރާތްތަކުން މޮޅެއް ނުލިބި ހިނގަމުންދާ އަހަރުތަކަށް ނިމުމެއް ގެންނަން ބޭނުންވާ ކަމަށެވެ.

އިޓަލީ އާއި ޖަރުމަން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.