ޕާސްޕޯޓު ކާޑު އޮތަސް، ޕާސްޕޯޓު ގެންދަން ޖެހޭނެ: އިމިގްރޭޝަން
ޕާސްޕޯޓު ކާޑު އޮތަސް، ޕާސްޕޯޓު ގެންދަން ޖެހޭނެ: އިމިގްރޭޝަން

އެހެން ގައުމުތަކާ ޚިލާފަށް ގިނަ ބޭނުންތައް ކުރެވޭގޮތަށް ރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު އޮތަސް ގައުމުތަކަށް ދަތުރުކުރާއިރު މިހާރެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ. އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝްކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިންސްނަސް ކާޑު ވެސް ޕާސްޕޯޓް ކާޑުގެ ތެރޭގައި ހިމެނޭނެ އެވެ. މި ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވެ އެވެ. އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.

މި ހުރިހާ ބޭނުންތައް ކުރެވޭތީ، ބައެއް މީހުން ދެކޭ ގޮތުގައި، ދަތުރުކުރާއިރު ދެން ޕާސްޕޯޓު ގެންގުޅުމުގެ ބޭނުމެއް ނެތެވެ.

އެކަމަކު އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ކާޑު އޮތަސް ދަތުރުކުރާއިރު ޕާސްޕޯޓް މުހިއްމު ކަމަށެވެ.

އެތަނުގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ ޕާސްޕޯޓް ކާޑުން އީގޭޓްތައް ހުރަސްކޮށް ދެވޭނެ ކަމަށެވެ. އެކަމަކު ގައުމުތަކަށް އެތެރެވުމަށް ފަހު ވެސް އެ މީހެއްގެ ޕާސްޕޯޓަކީ އެކި ބޭނުންތަކަށް މުހިއްމު އެއްޗެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޕާސްޕޯޓް ކާޑު ހައްދާފައި އޮތަސް ދަތުރުކުރާއިރު ޕާސްޕޯޓު އޮންނަން ޖެހޭނެ. މިސާލަކަށް ދެ ގައުމެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ޕާސްޕޯޓް ކާޑުން ހުރިހާ ބޭނުންތަކެއް ކުރެވޭނެ ކަހަލަ ގޮތަކަށް ހަމަޖެހިއްޖިއްޔާ އޭރުން ޕާސްޕޯޓެއް ބޭނުމެއް ނުވާނެ،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ތައާރަފްކުރީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮތް ކޮންމެ މީހަކަށް ވެސް ޕާސްޕޯޓް ކާޑު ހެއްދޭނެ އެވެ. އެ ކާޑު ދޫކުރާނީ އެ މީހަކު ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ބައެއް މީހުން ބޭނުންވެދާނެ ކޭޝަކާޑުތަކުގެ އިތުރުން އައިޑީކާޑު، ނުވަތަ ޑްރައިވިން ލައިސަންސް ހިމަނަން. އެހެންވެއްޖިއްޔާ އެ ފުރުސަތު ވެސް އޮންނާނެ،" ޚަލީލް ވިދާޅުވި އެވެ.

އާންމުންނަށް މި ކާޑު ދޫކުރަން ފަށާނީ އަދި ދެ ހަފުތާ ފަހުންނެވެ. ކާޑުގެ އަގުތައް އޭގެ ކުރިން އިއުލާންކުރާނެ ކަމަށް އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.