02 ޖުލައި 2016 - 13:13

ލިލް، ފްރާންސް (ޖުލައި 2) - ބެލްޖިއަމް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލަށް ދިއުމުން އެ ކާމިޔާބީ ތާރީހުގައި ލިޔެވިއްޖެ ކަމަށާއި ނަމަވެސް އަދިވެސް ބޭނުމީ އިތުރަށް ކުރިއަށްދާން ކަމަށް ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނެފި އެވެ.
މިފަހަރުގެ ޔޫރޯ އަކީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވޭލްސް ވާދަކުރި ފުރަތަމަ ބޮޑު މުބާރާތެވެ.
ބެލްޖިއަމްގެ މައްޗަށް ވޭލްސް އިން ރޭ ކުރިހޯދީ 3-1 އިންނެވެ. ބޮޑު މުބާރާތެއްގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ވޭލްސް ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު އެ ޓީމަކީ ގްރޭޓް ބްރިޓަން އަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން، ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ފާއިތުވި 20 އަހަރުތެރޭ ޖާގަ ހޯދި ފުރަތަމަ ގައުމެވެ.
"ތާރީހުގައި ލިޔެވޭ ކާމިޔާބެއް ހޯދުމަކީ ލިބުނު ފަހުރެއް. މިއީ ކުރިން އަހަރެމެން ހުވަފެނުން ދެކޭ މަންޒަރުތަކެއް. މިއީ ކުރެވުނު ވަރަށް ބުރަ މަސައްކަތްތަކުގެ ނަތީޖާ. މި ވަގުތަކީ މުޅި ވޭލްސް އަށް ވެސް ހާއްސަ ވަގުތެއް،" ކޯލްމަން ބުންޏެވެ.
ވޭލްސް މި ފަހަރުގެ މުބާރާތުގައި ބަލިވީ އިންގްލެންޑް އަތުން އެކަންޏެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު އަނެއް ދެ މެޗުން މޮޅުވެގެން އެ ޓީމު ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމު މޮޅުވީ ނޮދަން އަޔަލެންޑާ ވާދަކޮށެވެ. ސެމީ ފައިނަލުގައި ވޭލްސް ކުޅޭނީ ޕޯޗުގަލްއާ އެވެ.
"އަހަރެމެންގެ ދެން އޮތް ޓާގެޓަކީ ފައިނަލުން ޖާގަ ހޯދުން. މުބާރާތް ކާމިޔާބު ކުރަން ވިސްނަން ޖެހޭނީ ފައިނަލަށް ދިއުމުން. އެއީ މާ ބޮޑަށް ފައިނަލަށް ވިސްނައިގެން ސެމީ ފައިނަލުން ބަލިވާކަށެއް ބޭނުމެއް ނޫން. ބެލްޖިއަމާ ދެކޮޅަށް ކުޅުނު ކުޅުން ތަކުރާރު ކުރެވިއްޖަނަމަ ޕޯޗުގަލްގެ މައްޗަށް ކުރިހޯދޭނެ،" ކޯލްމަން ބުންޏެވެ.
ވޭލްސް ޓީމަށް މިފަހަރު ޔޫރޯގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްގެ މިޑްފީލްޑަރު އާރޮން ރަމްސޭ ވަނީ ސެމީ ފައިނަލަށް ސަސްޕެންޑްވެފަ އެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.
ވޭލްސް އާއި ޕޯޗުގަލްގެ ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.