އެއްވެސް މީހަކު އަހަންނަށް ތާއީދު ނުކުރާތި: ރިތިކް
އެއްވެސް މީހަކު އަހަންނަށް ތާއީދު ނުކުރާތި: ރިތިކް

ކަންގަނާ ރަނާވަތާއި ރިތިކް ރޯޝަންގެ މައްސަލައިގެ ތެރެއަށް އެހެން މީހުން ނުވަނުމަށް ރިތިކް އެދިއްޖެ އެވެ. ރިތިކް މިގޮތަށް އެދިފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ޖެހި ޕޯސްޓެއްގަ އެވެ.

ކަންގަނާގެ މައްސަލައިގައި ކުރިން އެއްވެސް ވަރަކަށް ރިތިކް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ ބަހުން ނަމަ ކަންގަނާ އޭނާއަށް އުނދަގޫކުރާތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި އޭނާގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭތީ އެންމެ ފަހުން މީޑިއާގައި އޭނާ ފަލީހަތްކުރުމުގެ މަސައްކަތް ފެށިތާ ވެސް ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. އަދި ކަންގަނާ ވަނީ ކޯޓަށް ރިތިކާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅައިފަ އެވެ.

ކަންގަނާގެ އިންޓަވިއުތަކާއި ކޯޓު ކޭސް އާ ބެހޭ ގޮތުން ތަފްސީލުކޮށް ވާހަކަ ނުދައްކާ ހުރުމަށްފަހު މި ހަފުތާ ތެރޭ ރިތިކް ވަނީ ޓީވީ ދެ ޗެނަލަކަށް އިންޓަވިއު ދީ މި މައްސަލައިގައި އޭނާ ދެކޭ ގޮތާއި އޭނާއަށް ކަންތައް ދިމާވި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެއާއެކު ރިތިކްގެ އެކުވެރިންގެ ތެރެއިން ފަރްހާން އަޚްތަރު އާއި ޔާމީ ގޯތަމް އަދި ކަރަން ޖޯހަރް ފަދަ ވަރަށް ގިނަ ފަންނާނުން އޭނާ ދެއްކި ވާހަކަތަކަކީ ތެދެއްކަމަށް ބުނެ އެކިއެކި ލިޔުންތައް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އަދި ޓުވިޓާ އާއި ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބަޔަކުވެސް ވަނީ ރިތިކަށް ތާއީދުކޮށް ކޮމެންޓްތައް ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ގިނަ މީހުން ބުނި ކަންގަނާ އަންހެނަކަށް ވީތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފިރިހެނެއްގެ އަނިޔާވެރިކަން ދައްކަން މަސައްކަތް ކުރަނީކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ރިިތިކްގެ އިންޓަވިއުތަކުގައި އޭނާ ވަނީ ކަންގަނާ އަށް އޭނާވެސް ކަންގަނާއާ ގަޔާވާ ކަމަށް އިހްސާސްވީ ގޮތާއި އޭގެ ފަހުން ކަންތައްތައް ހިނގައި ދިޔަ ގޮތްތައް ކިޔައިދީފަ އެވެ.