13 އޮކްޓޯބަރ 2017 - 14:38

ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިއްލަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހަތަރު އަހަރު ފަހުން މާނަ ފުން ވާހަކަތަކެއް ހިމެނޭ ޅެމެއް ޓުވީޓް ކުރައްވައިފި އެވެ.
ހަތަރު އަހަރު ފަހުން ނާޒިމް މިދިޔަ ބުދަ ދުވަހު ޓުވީޓްކޮށްފައިވަނީ އޭނާގެ ބައްޕަ މ. ނިޔަދުރުގޭ މުހައްމަދު މަނިކު ހައްދަވާފައިވާ ޅެމެކެވެ. ނާޒިމް ޓުވީޓްގައި ވިދާޅުވެފައިވަނީ އެ ޅެމަކީ އެންމެންނަށް އޮތް ފިލާވަޅެއް ކަމަށެވެ.
"ދުނިޔޭގެ އާދަ" ނަމުގައި ނިޔަނދުރު މުހައްމަދު މަނިކު ހައްދަވާފައިވާ އެ ޅެމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ތިމާ މީހަކަށް ވެފައިވާ ދުވަހު ހެޔޮ އެދޭ މީހުން ގިނަވާނެ ކަމަށާއި އެކަން ނެތިގެންދާ ދުވަހު ކައިރި މީހަކު ނުހުންނާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރިން ގާތް ގުޅުމެއް އޮންނަ ނާޒިމް ޓުވީޓް ކުރައްވާފައިވާ ޅެމުގައި ބުނާ ގޮތުން ތިމާގެ ހަޔާތް އަނެކާ އަށް ހިލޭ ދޭއިރު ބަދަލަކަށް ލިބެނީ "ތެޔޮ ހަމެކެވެ".
ހަމަ އެހެންމެ މަގާމާއި އިއްޒަތް ގެއްލިގެން ދިއުމުން އަބުރާއި ނަން ވެއްޔާ މޮޑެވިގެންދާނެ ކަމަށާއި ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ނޯންނާނެ ކަން ބުނެފައިވާ ހަރުބަސް އެ ޅެމުގައި ބޭނުންކޮށްފައިވެ އެވެ.
ރައީސް ޔާމީނާ އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށް ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވީ ހިޔާނާތުގެ މައްސަލައެއްގަ އެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގަ އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.
އެކަމަކު އޭރު އޭނާ ވަނީ ސިންގަޕޫރުން އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. ނާޒިމް މިހާރު ވެސް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެ ގައުމުގަ އެވެ.